ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑު އުޅަނދު ބަލައިފާސްކުރަން ފަށައިފި

ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑު އުޅަނދު ބަލާފާސްކުރުމުގެ ހަރަކާތެއް ދިވެހި ފުލުހުން  ފަރާތުން ފަށައިފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަޟްޙާ ޢީދު ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ގިނައަދަދެއްގެ ބަޔަކު ފުރައި އަދި އަތޮޅުތަކުން މާލެއަށް ގިނަބަޔަކު ޒިޔަރަތްކުރާނެކަމަށް ބެލެވޭތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް މެރިން ޕޮލިހުން ފަށާފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަން ކުރިއަށް ގެންދާނީ މިމަހުގެ 23 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ކަމަށާއި މި އޮޕަރޭޝަނުގައި، މާލެ އޭރިއާގެ ބަނދަރުތަކުން ލަފާފުރާ އުޅަނދުފަހަރާއި ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލައިފާސްކޮށް އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަތޮޅުތަކުން ލަފާފުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތުދިނުމާއި ބަލައިފާސްކުރުމުގެ ކަންކަން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިތުރު މަޢުލޫމާތު ދެމުން ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އެންމެންނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި އަޞްޙާ ޢީދާ ގުޅިގެން މާލެއިން އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކަށާއި އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތައް ގިނަވެ ކާރުބާރު ބޮޑުވާނެކަމަށް ބެލެވޭތީ އެ ދަތުރުތަކަކީ އަމާން ރައްކާތެރި ދަތުރުތަކަކަށް ހެދުމަށާއި ކަނޑުމަތީގެ ހާދިސާތައް މަދުކޮށް ރައްޔިރުންނާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!