ކަންނެލި މަސްވެރިންނަށް ގެއްލުންވާ ގޮތަށް ލޭނު މަސްވެރިކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންބާނާ މަހުގެ ފައިސާ ނުލިބި ލަސްވަމުންދާތީ އާއި ލޭނު އެޅުމުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާ ތަކާއި ގުޅިގެން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުން އިއްޔެ ވަނީ އިޙްތިޖާޖު ކޮށްފައެވެ.
ދާ އަޅައިގެން ލޭނު މަސްވެރިކަން ކުރާނަމަ ބޮޑު ކަންނެލި މަސްވެރިކަން ކުރަމުންދާ ފަރާތްތަކަށް ގެއްލުންތަކެއް ވާނެ ކަމަށް ބުނެ ކަންނެލި މަސްވެރިކަން ކުރާ ބައެއް މަސްވެރިން އިއްޔެ އިޙްތިޖާޖު ކުރުމުން، އިހްތިޖާޖުގެ ބައިވެރިންނާއި ބައްދަލު ކުރެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން އެ މީހުންނާއި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންގެންދާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، ލޭނުގެ މަސްވެރިކަން ކުރަން ހުޅުވާލި ކަމުގައިވިޔަސް މީގެ ކުރީގައި ލޭނުގެ މަސްވެރިކަން ކުރި ގޮތަކަށް ކުރިޔަ ނުދެއްވާނެ ކަމަށެވެ.
ލޭނުގެ މަސްވެރިކަމަށް އުނދަގޫ ފިޔަވަޅުތަކެއް އަޅުއްވާނެކަން ފާހަގަކުރައްވައި ޝިޔާމް ވަނީ ކަންނެލި މަސްވެރިންގެ މަސްލަހަތު ހިމާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
"އަޅުގަނޑެއް ނުފިލާނެ، އަޅުގަނޑެއް ނުފިލާނެ ކަންނެލި މަސްވެރިންނަކަށްވެސް، ކަޅުބިލަ މަސްވެރިންނަކަށްވެސް. އަޅުގަނޑުމިއީ އެކަހަލަ މީހެއް ނޫން. އެހެންވީމާ އަޅިގަނޑުމެން މަޝްވަރާ ކުރާނަން. އެންމެ ބޮޑު ކަންބޮޑުވުމަކަށް ތި އޮތީ، ލޭނުގެ ކަންތަކުގައި އެ އޮތް ކަންބޮޑުވުން. އަޅުގަނޑުމެންނަށްވެސް އެނގޭ. ލޭނު ހުޅުވާލިޔަސް ކުރީގައި ލޭނުގެ މަސްވެރިކަން ކުރި ގޮތަކަށް ކުރިޔަ އަޅުގަނޑުމެން ނުދޭނަން. ލޭނު މަސްވެރިކަމަށް އެއަށްވުރެ މާ އުނދަގޫ މެޝާސްތަކެއް ނަގާފައު، ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް އޭގެ އެންމެ ބޮޑު އަސަރެއް ކުރާ ކަމަށް ވަންޏާމުން، ކަންނެލި މަސްވެރިންގެ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތް ކުރެވޭ ގޮތަކަށް ނޫނީ އެކަހަލަ އެއްވެސް އެކްޓިވިޓީއެއް އަޅުގަނޑުމެން ސަރުކާރަކުން ނުހިންގާނެ" ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ސަރުކާރުން ކަންނެލި މަސްވެރިންނަށް ވެފައިވާ ވަޢުދު ވެރިކަމުގެ ކުރީކޮޅުގައި ފުއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ފާއިތުވީ ވަރަށް ދަތި 7 މަސް ކަމަށާ، އެކަން ކަމުން އަރައިގަނެ މިފްކޯގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަޔް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ވަޒީރު ވަނީ ކުންފުނިތަކުން މާލީ ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.
"މިފްކޯއަށް ސަބްސިޑީ ނުދީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރަމުން މިދަނީ. ސަރުކާރުގެ އަމާޒަކީ ފުރަތަމަ ތިން އަހަރުގެ ތެރޭގައި. ސަބްސިޑީ ނުދީ ވާނެ ގޮތަކަށް މިފްކޯގެ ހިނގުން ހަރުދަނާ ކުރުން." މިނިސްޓަރު ވިދާޅުވިއެވެ.