މަސްވެރިންނަށް ހުޅުމާލެއިން ވިއްކާ ޑީސަލްގެ އަގުހެޔޮކޮށްފި!

މަސްވެރިންނަށް ހުޅުމާލެއިން ވިއްކާ ޑީސަލްގެ އަގުހެޔޮކޮށްފިއެވެ.

މިކަން ހާމަކުރައްވާ މަސްވެރިކަމާބެހޭ ވުޒާރާއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މަސްވެރިންނަށް ވިއްކާ ޑީސަލް އަގުހެޔޮކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ ވަޢުދުފުޅުތައް ފުއްދެވުމަށް ކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުގެ އަގަށް ހެޔޮކޮށްފައިވާއިރު، މިހާރުވެސް މިފްކޯގެ މަސް ކާރުޚާނާތައް ހުންނަ ރަށްރަށުން މަސްވެރިންނަށް ޑީސެލް ފޯރުކޮށްދެމުން ދަނީ ޚާއްސަ އަގެއްގައި ކަން ފާހަގަ ކުރެވެއެވެ.

އެސްޓީއޯއިން ވަނީ ރާއްޖޭގައި ވިއްކާ ފެޓްރޯލާއި ޑީސެލްގެ އަގު ވަރަށްފަހުން ހެޔޮކޮށްފައެވެ. މި ބަދަލާއިއެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 13.98 ރުފިޔާއެވެ. އަދި ޑީސަލް ލީޓަރެއްގެ އަގުވަނީ 13.92 ރުފިޔާ ހެޔޮކޮށްފައެވެ.

މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހާމަކޮށް އިއްޔެ ހުޅުމާލޭ ކަންނެލި ޖެޓީގައި، ދޯނިތަކުގައި ބޮޑުކަންނެލި މަސްވެރިން ވަނީ އިހުތިޖާޖު ކޮށްފައިކަން ފާހަގަ ކުރެވެއެވެ. އަދި ފަހުން އެދޯނިތައް ވަނީ މާލޭ އެއް ނަންބަރު ޖެޓީ ސަރަޙައްދުގައިވެސް އިހުތިޖާޖު ކޮށްފައެވެ. މަސްވެރިކަމާބެހޭ ވަޒީރު އަޙުމަދު ޝިޔާމް އެ ސަރަހައްދަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވާ ކަންބޮޑުވުންތައް އަޑުއެއްސެވިކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!