އެމްޑީޕީއިން ޕީއެންސީއަށް ބަދަލުވި މެމްބަރުން، މިސަރުކާރާ ދެކޮޅަށް ރޭވި މުޒާހަރާ "ފަނި" ވެއްޖެ

ގދ. މަޑަވެލީގައި މި ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނިކުންނަން ތައްޔާރުވި މި ސަރުކާރުން ވަޒީފާ ދިން އެމްޑީޕީ އިން ޕީއެންސީއަށް ބަދަލުވި މެމްބަރުން ހުއްޓުވައި މުޒާހަރާ ސަރުކާރުން "ފަނި" ކޮށްލައިފިއެވެ.

މަސްވެރިން ބާނާ މަހުގެ ފައިސާ ނުލިބި ލަސްވަމުންދާތީ އިއްޔެ ބާއްވަން ނިންމި މުޒާހަރާގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވަނީ ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް އެމްޑީޕީއިން ޕީއެންސީއަށް ބަދަލުވި އެމްޑީޕީގެ "ރަތްލާޖެހި" މެމްބަރުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުޒާހަރާ ރާވަމުންދާކަން ސަރުކާރުގެ އިސްފަރާތްތަކަށް އެނގިގެން އެކަން ނުކުރުމަށް ސަރުކާރުން ވަނީ މުޒާހަރާ ރޭވި މީހުންނަށް ސަރުކާރު ކުންފުންޏެއްގެ އެމްޑީ އަކު މެދުވެރިކޮށް އަންގައިފައެވެ. އެހެންވެ މުޒާހަރާ އިއުލާނު ކުރި ނަމަވެސް މުޒާހަރާ ކޮށްފައި ނުވެއެވެ.

މި މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ލިޔެފައިވާ ޕޯސްޓަރުތަކުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.

މީސް މީޑިއާއިން ފެންނަ ޕޯސްޓަރުތަކުގައި މަސްވެރިންގެ ފައިސާ ހިފައިގެން މިނިސްޓަރު ފިއްލެވީތޯވެސް ސުވާލުކޮށްފައިވެއެވެ.

މަސްވެރިންބާނާ މަހުގެ ފައިސާ ނުލިބި ލަސްވަމުންދާތީ އާއި ލޭނު އެޅުމުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާ ތަކާއި ގުޅިގެން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުން މާލެ ސަރަހައްދުގައި އިއްޔެ ވަނީ އިޙްތިޖާޖު ކޮށްފައެވެ.

އެ އިޙްތިޖާޖު ކުރިޔަށް ދިޔަ ތަނަށް ވަޑައިގެން މިނިސްޓަރު ވަނީ އެބޭފުޅާއަށް ކުރާ ތުހުމަތު ތަކަށް ޖަވާބު ދެއްވައިފައެވެ.

“އަޅުގަނޑެއް ނުފިލާނެ، އަޅުގަނޑުމިއީ އެކަހަލަ މީހެއް ނޫން. އެހެންވީމާ އަޅުގަނޑުމެން މަޝްވަރާ ކުރާނަން.” ޝިޔާމް ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމަށް އައުމާއެކު، ވެރިކަން ގެންނަން މަސައްކަތް ކުރި ފަރާތްތައް ބާކީކޮށް އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންތަކަކަށް ވަނީ ސަރުކާރުގެ އެކި މިނިސްޓްރީތަކުންނާއި އެކި އެކި ކުންފުނި ތަކުން ބޮޑެތި މަގާމުތަކެއް ދީފައި ކަމަށް ސަރުކާރު ގެންނަން މަސައްކަތް ކުރި މީހުން ތުހުމަތު ކުރެއެވެ.

 

 

 

 

advertisement
ހިޔާލު ދެއްވާ!