ޙައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަސް، އެ ދުވަހު ރޯދަހިފުމަކީ މުސްތަޙައްބު ކަމެއް: ޚުޠުބާ

ޙައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަސް ކަމަށާ ޙައްޖުވެރީން ނޫން މީހުން އެ ދުވަހު ރޯދަހިފުމަކީ މުސްތަޙައްބު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ޢަރަފާތު ދުވަހަށް އަލިއަޅުވާލައްވާ މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ ޙަައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަސް ކަމަށާ އެ ދުވަހަކީ ޢަރަފާތު ދުވަސް ކަމަށާ އެއީ ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަސް ކަމަށެވެ. އެއީ ޢަރަފާތު ބިމުގައި ޙައްޖުވެރީން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަސް ކަމަށެވެ.

ޙައްޖުގެ އަޅުކަމާ ބެހޭ ގޮތުން މާތް ނަބިއްޔާ ޞ.ޢ.ވ.  ޙަދީޘް ކުރައްވާފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވީ  (اَلْـحَجُّ عَرَفَةُ)  މާނައީ: "ޙައްޖަކީ ޢަރަފާތުގައި ހުރުމެވެ." މިފަދައިންނެވެ.

ޚުޠުބާގައި ވިދާޅުވީ ޙައްޖު ދުވަހު ކުރާ އެންމެ މާތް ދުޢާ رَسُولُ اللهِ ޞ.ޢ.ވ. ވަނީ ބަޔާންކޮށް ދެއްވައިފައި ކަމަށާ  އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވަނީ (خَيْرُ الدُّعَاءِ دُعَاءُ يَوْمَ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّوْنَ مِنْ قَبْلِيْ: لَا إِلَـٰهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ) މާނައީ: "އެންމެ މާތް ދުޢާއަކީ، ޢަރަފާތު ދުވަހުގެ ދުޢާއެވެ. އަދި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރީން ފޮނުއްވުނު ނަބީބޭކަލުން ކުރެއްވި އެންމެ މާތް ދުޢާއަކީ (لَا إِلَـٰهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ) މިއެވެ.

ޢަރަފާތު ދުވަހުގެ ރޯދައާބެހޭ ގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ ޞ.ޢ.ވ.  ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ "އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެކެވެ." މިފަދައިން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޙައްޖުވެރިޔާ އެ ދުވަހު ރޯދައަށްހުރުމެއް ނުވާ ކަމަށާ ނަމަވެސް އޭނާއަށް مُسْتَحَبُّވަނީ ދުޢާކުރުމާއި ޒިކުރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.  މިއީ އެ ދުވަހުގެ އެ މަޤާމުގެ ވަޒީފާ ކަމަށާ  އެ ދުވަހު ޙައްޖުވެރީން ތަވާޟުޢުވެރިކަމާއި ޚުޝޫޢަތްތެރިކަމާއި ނިކަމެތިކަން އިޙްސާސްކޮށް ގިނަގިނައިން ތަލްބިޔާގެ އަޑު އުފުލާންވާނެ ކަމަށާ މާތް ނަބިއްޔާ ޞ.ޢ.ވ. އަށް ޞަލަވާތްކިޔެވުން ވެސް ގިނަކުރެވޭތޯ ބަލާންވާނެ ކަމަށާ ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކަށް ވިސްނައި ފާފަ ފުއްސަވައިދެއްވާތޯއާއި ނަރަކައިން މިންޖުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރާން ވާނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޙައްޖުވެރީންނަށް އެ މާތްކަން މާތް الله ދެއްވައިފައިވާ އިރު އެ ޖަމާޢަތުގައި ބައިވެރި ނުވެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި، ރޯދަހިފުމާއި، ޒިކުރުކުރުމާއި ދުޢާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ ޢަމަލުކުރުން ހިމެނޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!