ދިވެހި ޙައްޖުވެރިން ޢަރަފާތަށް ދިއުމަށް މިރޭ ދަތުރު ފަށާނެ!

ދިވެހިރާއްޖެއިން ޙައްޖަށް ވަޑައިގެންނެވި ހުރިހާ ޙައްޖުވެރިން މިރޭ އަރަފާތަށް ވަޑައިގެންނެވުމަށް ދަތުރު ފަށާނެއެވެ.

ދިވެހި ޙައްޖުވެރިން މިހާރު ތިއްބެވީ މިނާގައެވެ. ހުރިހާ ޙައްޖުވެރިންގެ ހާލުވެސް އާންމު ގޮތެއްގައި ރަނގަޅުކަމަށް ހައްޖު މިޝަންގެ ޑިރެކްޓަރ އަލްއުސްތާޛް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މައްކާ ސަރަޙައްދުގެ މޫސުމަށް ބަލާއިރު ހޫނުމިން 45 ޑިގްރީ އަށްވުރެ މަތިވާނެތީ ޙައްޖުވެރިން އެކަމަށް ސަމާލުކަން ދެއްވުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި ޙައްޖުވެރިން ހޫނުން ސަލާމަތްކޮށްދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަޢޫދީ ސަރުކާރުން ވަނީ ކުރައްވާ އެ އިންތިޒާމުތައް ހަމަޖައްސަވާފައެވެ.

ދިވެހި ޙައްޖުވެރިންވެސް ހޫނުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާފައިވާ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައި ވާކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންވެސް ވަނީ މައުލޫމާތު ދީފަ އެވެ. އަދި ސިއްޙީގޮތުން އެ ކޯޕަރޭޝަންގެ މެޑިކަލް ޓީމު ތައްޔާރަށް އޮތްކަން ވެސް ފާހަގަކޮށްފައިވެެއެވެ.

ދިވެހި ޙައްޖުވެރިން މިނާގައި މިހާރު ތިއްބެވިއިރު ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުން ވަނީ ނިމިފައެވެ. ދިވެހި ރަހަތައް އެކުލެވޭ ދިވެހި ކެއުން ޙައްޖުވެރިންނަށް މިނާގައި ތިއްބަވާއިރު ލިބޭ ގޮތަށް ޙައްޖު ކޯޕަރޭޝަނުން ވަނީ އިންތިޒާމްތައް ރާވާފައެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1150 ކޯޓާއެވެ. މިއަހަރު އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގެންނެވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

advertisement
ހިޔާލު ދެއްވާ!