އަޟްޙާ ޢީދުގެ ދުވަސްތަކުގައި ކަތިލެވޭ އެއްޗެއްސަށް އުޟްޙިޔާއޭ ކިޔެއެވެ. އެއީ ﷲގެ ޙަޟްރަތާ ކުއްތަންވުމުގެ ނިޔަތުގައި ، ޚާއްޞަ ވަގުތެއްގައި، ކަތިލެވޭ ޚާއްޞަ ބާވަތެއްގެ ޙައިވާނެކެވެ. ނުވަތަ އެއީ ނަޙްރުގެ ދުވަސްތަކުގައި ﷲގެ ޙަޟްރަތާ ކުއްތަން ވުމަށްޓަކައި ކަތިލެވޭ ނަޢަމު ސޫތްޕެކެވެ.
އުޟްޙިޔާ ޝަރްޢު ކުރެއްވުނީ ހިޖްރައިން ދެވަނަ އަހަރުގައެވެ. ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީ ކުރެއްވިއެވެ. (( فَصَلِّ لِرَبِّكَ وَانْحَرْ – ފަހެ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ.))
ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ.(( ما عملَ آدميٌّ من عملٍ يومَ النَّحرِ أحبُّ إلى اللهِ من إهراقِ الدَّمِ إنَّهُ ليأتي يومَ القيامةِ بقُرونها وأشعَارِها وأظلافِها وإنَّ الدَّمَ ليقعُ من اللهِ بمكانٍ قبلَ أن يقعَ من الأرضِ فطيبُوا بها نفساً – ނަޙްރުގެ ދުވަހުގައި ( އެބަހީ ބޮޑުޢީދު ދުވަހުގައި ) އާދަމުގެދަރިއާ ކުރާ ޢަމަލުތަކުގެ ތެރެއިން ، އުޟްޙިޔާ ކަތިލުމަށް ވުރެ ﷲގެ ޙަޟްރަތުގައި، ލޮބުވެތިކަން ބޮޑު އެހެންކަމެއް ނުކުރެތެވެ. ހަމަކަށަވަރުން އޭތި އޭގެ ދަޅުތަކާއި ކެހެރިތަކާއި މޮށްގަނޑުތަކާ އެކު ޤިޔާމަތް ދުވަހުން އަންނާނެތެވެ. ހަމަކަށަވަރުން އޭތީގެ ލޭ ބިންމައްޗަށް އޮހުމުގެ ކުރިން ﷲގެ ޙަޟްރަތަށް އެ ލޭ ވާޞިލުވާނެތެވެ. ފަހެ ތިޔަބައިމީހުން މި ކަން ކޮށްގެން ތިޔަބައިމީހުންގެ ނަފްސު ބާއްޖަވެރިކުރާށެވެ!))
އަނަސުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި " ކީރިތި ރަސޫލާ ނަޙްރުގެ ދުވަހުގައި ، ދަޅުހުރި ، ދޮންކުލައިގެ ފިރިހެން ދެ ކަންބަޅި ބަކަރި އުޟްޙިޔާގެ ގޮތުގައި ކަތިލުއްވިއެވެ. އެކަލޭގެގާނު އޭތި ކަތިލުއްވީ ބިސްމި ވިދާޅުވެ ތަކްބީރު ވިދާޅުވެ އޭތި ބިންމަތީ ބާއްވެވުމަށް ފަހު އޭގެ އަރިމައްޗަށް ފައިންޕުޅު ބީއްސަވައި ހުންނަވައެވެ.))
އުޟްޙިޔާ ކަތިލުން ޝަރްޢު ކުރެއްވުމުގެ ޙިކްމަތް
މި ކަމުގެ ޙިކްމަތަކީ މާތްﷲގެ ނިޢުމަތްތަކަށް ޝުކްރު ދެންނެވުމާއި ، ﷲއަށް ކިޔަމަންގަތުމުގައި ކުރިއަށްދާނެ ކަމުގެ ޢަހްދުކަށަވަރު އައުކުރުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމާއި އެ ފާފަތައް ފުހެދެއްވުމަށް މާތްﷲއަށް ދެންނެވުމެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފިޠުރު ޒަކާތަށް ފައިސާ ދައްކާ ގޮތަށް އުޟްޙިޔާއަށް ފައިސާއެއް ނުދެއްކޭނެއެވެ. މިކަން ކުރެވުނު ކަމަށް ވާނީ އެއްޗެއް ކަތިލުމުންނެވެ.
އުޟްޙިޔާގެ ޙުކުން
1- އަބޫޙަނީފާ ވިދާޅުވާ ގޮތުގައި އުޟްޙިޔާ ކަތިލުމަކީ ވާޖިބު ކަމެކެވެ. އެކަމަކު އަބޫ ޔޫސުފާއި މުޙައްމަދު ވިދާޅުވާ ގޮތުގައި އެއީ ގަދަވެގެންވާ ސުންނަތެކެވެ. ޙަނަފީންގެ ދަލީލަކީ ކީރިތި ރަސޫލާގެ ބަސްފުޅު " مَنْ وَجَدَ سَعَةً فَلَمْ يُضَحِّ فَلَا يَقْرَبَنَّ مُصَلَّانَا- ތަނަވަސްކަން ލިބި އުޟްޙިޔާ ކަތިނުލި މީހާ ފަހެ އަހުރެމެންގެ ނަމާދު ކުރާ ތަންތަނާ ގާތްނުވާ ހުށިކަމެވެ! " ޙަނަފީން ވިދާޅުވާ ގޮތުގައި މި ފަދަ ވަޢީދުގެ ބަސްފުޅެއް ޙަދީޘް ކުރައްވާނީ އެއީ ވާޖިބު ކަމަކަށް ވާތީއެވެ.
2- ޖުމްހޫރުން ވިދާޅުވާ ގޮތުގައި އެއީ ގަދަވެގެންވާ ސުންނަތެކެވެ. އެކަމަށް ކުޅަދާނަވެގެންވާ މީހާ އެކަން ނުކޮށް ދޫކޮށްލުމަކީ މަކްރޫހަ ކަމެކެވެ.ޖުމްހޫރުންގެ ދަލީލަކީ އިބްނު ޢައްބާސުގެފާނު އަރިހުން ވާރިދުވެފައިވާ މި ޙަދީޘްފުޅެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. " ثَلَاثٌ هُنَّ عَلَيَّ فَرَائِضُ وَهُنَّ لَكُمْ تَطَوُّعٌ الْوَتْرُ وَالنَّحْرُ وَصَلَاةُ الضُّحَى – ތިންކަމެއް ތިމަންކަލޭގެފާނުގެ މައްޗަށް ފަރްޟުކުރެއްވިގެން ވިޔަސް އެއީ ތިޔަބައިމީހުންގެ މައްޗަށް ތަޠައްވުޢީ ކަންތައްތަކެކެވެ.އެއީ ، ވިތުރިއާއި ، އުޟްޙިޔާއާއި، ޟުޙާނަމާދެވެ. " އައްތިރްމިޛީ ރިވާ ކުރައްވާ ގޮތުގައި ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ " أمرت بالنحر وهو لكم سنة – ތިމަންކަލޭގެފާނަށް އުޟްޙިޔާ ކަތިލުމަށް އަމުރުކުރެއްވުނެވެ. އެކަމަކު އެއީ ތިޔަބައިމީހުންގެ މައްޗަށް އޮތް ސުންނަތް ކަމެކެވެ." ޖުމްހޫރުން ޙަނަފީންނަށް ރައްދު ދެއްވަމުން ވިދާޅުވަނީ ޙަނަފީން ދަލީލެއްކަމުގައި ދައްކަވާ ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. މީގެ އިތުރަށް އަބޫބަކްރުގެފާނާއި ޢުމަރުގެފާނު ކޮންމެ އަހަރަކު އުޟްޙިޔާ ކަތިލުއްވައިފައެއް ނުވެއެވެ. އެ ބޭކަލުން ކޮންމެ އަހަރަކު އުޟްޙިޔާ ކަތިނުލެއްވީ ޢާއްމުންނަށް އެއީ ވާޖިބު ކަމެއްކަމުގައި ހީވެދާނެތީއެވެ.
3- ޝާފިޢީން ވިދާޅުވާ ގޮތުގައި ކޮންމެ މީހެއްގެ މައްޗަށް ވެސް ، ޢުމުރުން އެއްފަހަރު އުޟްޙިޔާ ކަތިލުން ސުންނަތް ވާނެއެވެ. ގޭގެ އެކަކު އެ ކަން ކުރުމުން އެ ގޭގެ އަހްލުންގެ ކިބައިން އެކަން ފުދިގެންދާނެއެވެ. އެކަލޭގެފާނުގެ ދަލީލަކީ މިޚްނަފު ބުނު ސުލައިމުގެ އަރިހުން ރިވާވެގެންވާ ބަސްފުޅެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އަހުރެމެން ރަސޫލާގެ އަރިހުގައި ތިއްބާ ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. އޭ މީސްތަކުންނޭވެ! ކޮންމެ ގެއެއްގެ އަހްލުންގެ މައްޗަށް ކޮންމެ އަހަރަކު އުޟްޙިޔާ ކަތިލުން ވާޖިބުވެގެންވެއެވެ. "
4- އުޟްޙިޔާއަށް ކަތިލުމަށްޓަކައި ގަނެފައިވާ އެއްޗެއް ވިހައިފި ނަމަ އެ ދަރި ވާނީ އުޟްޙިޔާއަށް ގަތް އެއްޗަށް ތަބާވާ އެއްޗަކަށެވެ. އޭތި އޭތީގެ މައިއެއްޗާ އެކު ކަތިލަންވާނެއެވެ. ކަތި ނުލައި ވިއްކައިލި ނަމަ އޭގެ އަގު ޞަދަޤާތް ކުރަން ޖެހޭނެއެވެ.
އުޟްޙިޔާގެ ޝަރްޠުތައް
ޙަނަފީންގެ އަރިހުގައި އުޟްޙިޔާ ވާޖިބުވާނީ ، އެހެން މަޛްހަބުތަކުގައި އުޟްޙިޔާ ސުންނަތް ވާނީ މިއަންނަ ޝަރްޠުތަކުގެ މަތިންނެވެ.
1- އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހެއް ކަމުގައި ވުން . ޙަނަފީންވިދާޅުވާ ގޮތުގައި އެއީ ތަނަވަސް މީހާއެވެ. ތަނަވަސް މީހަކީ ޒަކާތުގެ ނިޞާބު އަތުގައި އޮތް މީހާއެވެ. ނުވަތަ އޭނާގެ މުދަލުގައި އެ މިންވަރު ހުރި މީހާއެވެ. އެއީ އޭނާއާއި އޭނާއަށް ބަލައިބަލަހައްޓަން ޖެހިފައިވާ މީހުންގެ ބޯހިޔާވަހިކަމާއި، ކެއުން ބުއިމާއި، އުނުއޮރިއާން ނިވާކޮށްދިނުމަށް ބޭނުންވާ މިންވަރުގެ އިތުރަށެވެ. މާލިކީން ވިދާޅުވާ ގޮތުގައި އެއީ އުޟްޙިޔާގެ އަގަށް ބޭނުން ޖެހިފައިނުވާ މީހާއެވެ. ޝާފިޢީން ވިދާޅުވާ ގޮތުގައި ކުޅަދާނަކަން ލިބިގެންވުމުގެ މާނައަކީ އޭނާއާއި އޭނާ ބަލައި ބަލަހައްޓަން ޖެހިފައިވާ މީހުންނަށް ޢީދުދުވަހާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި ބޭނުންވާ ޢާޢްމު ކަންތައްތަކަށް ހޭދަކޮށްފައި އުޟްޙިޔާ ގަނެވޭ ވަރުގެ ތަނަވަސްކަން ލިބިގެންވާ މީހާއެވެ. ޙަންބަލީން ވިދާޅުވާ ގޮތުގައި ، އެއީ ދަރަނިވެރިވެގެން ވިޔަސް އެ މިންވަރު ލިބިގަތުމުގެ ޤާބިލުކަން ލިބިފައިވާ މީހާއެވެ.
2- އުޟްޙިޔާއަށް ކަތިލެވޭ އެތި ހުރިހާ އުނި ޢައިބުތަކުން ސަލާމަތްވެގެންވާ އެއްޗަކަށް ވުން . މަޝްހޫރު އުނި ސިފަތަކަކީ ، އަވަރުކަމާއި ، ކޮރުކަމާއި ، ބަލިމަޑުކަމާއި ކަމީނާކަމެވެ.
3- އެ ކަމަށް ޚާއްޞަ ވެގެންވާ ވަގުތުގައި އެ ކަތިލުން . ޙަނަފީން ވިދާޅުވާ ގޮތުގައި މި ވަގުތަކީ ބޮޑު ޢީދުދުވަހާއި ޙައްޖުމަހުގެ 11 ވަނަ ދުވަހާއި 12 ވަނަ ދުވަހާއި 13 ވަނަ ދުވަހެވެ. 10 ވަނަ ރެއާއި ސާދަ ވިލޭރޭ އުޟްޙިޔާ ކަތިލުން ހުއްދަވެގެން ނުވެއެވެ. ރޭގަނޑުގެ ވަގުތެއްގައި އުޟްޙިޔާ ކަތިލުން މަކްރޫހަވާނެއެވެ. މާލިކީން ވިދާޅުވާ ގޮތުގައި ރޭގަނޑު ކަތިލައިގެން އެ ކަތިލުން ޞައްޙައެއް ނުވާނެއެވެ.
4- އުޟްޙިޔާ ކަތިލާ މީހާ މުސްލިމެއް ކަމުގައި ވުން : މިއީ މާލިކީންގެ ޝަރްޠެކެވެ. މާލިކީން ވިދާޅުވާ ގޮތުގައި ކިތާބީއަކު ކަތިލައި އެތީގެ މަސް ކެއުން ހުއްދަ ވިޔަސް އޭނާ ކަތިލާ އުޟްޙިޔާ ޞައްޙައެއް ނުވާނެއެވެ. ޖުމްހޫރުން ވިދާޅުވާ ގޮތުގައި މުސްލިމަކު ކަތިލުމަކީ މުސްތަޙައްބު ކަމެކެވެ. ކިތާބީއަކު ކަތިލުމަކީ މަކްރޫހަ ކަމެކެވެ.
5- އުޟްޙިޔާގެ އަގުގައި އިތުރު މީހަކު ބައިވެރި ނުވުން : މިއީ ވެސް މާލިކީންގެ ޝަރްޠެކެވެ. އުޟްޙިޔާގެ އަގު އަދާ ކުރުމުގައި އެތައް ބަޔަކު ބައިވެރިވި ނަމަ ނުވަތަ އުޟްޙިޔާއަށް ކަތިލި އެތީގެ މިލްކުވެރިކަމުގައި އެތައް ބަޔަކު ބައިވެރިވާ ނަމަ މި އުޟްޙިޔާ ހުއްދައެއް ނުވާނެއެވެ. ޖުމްހޫރުން ވިދާޅުވާ ގޮތުގައި ޖަމަލެއް ނަމަ ނުވަތަ ގެރިއެއް ނަމަ ނުވަތަ މީގޮނެއް ނަމަ އޭގައި ހަތް މީހަކަށް ބައިވެރި ވެވިދާނެއެވެ. ހަތް މީހުންނަށް ވުރެ ގިނަ ބަޔަކު ބައިވެރިވުމަކީ މަކްރޫހަ ކަމެކެވެ.
6- އުޟްޙިޔާގެ ވެރިއާ މުސްލިމަކަށް ވުން : ޣައިރު މުސްލިމުންގެ މައްޗަށް އުޟްޙިޔާ ވާޖިބެއް ވެސް އަދި ސުންނަތެއް ވެސް ނުވާނެއެވެ.
7- އުޟްޙިޔާގެ ވެރިޔާ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައި ވުން : އެހެން ކަމުން ކުޑަކުދިންނާއި މޮޔައިންގެ މައްޗަށް އުޟްޙިޔާ ކަތިލުން ވާޖިބުވެގެން ނުވެއެވެ. މިއީ ޝާފިޢީންނާއި ޙަންބަލީންގެ ރައުޔެވެ. މާލިކީން ވިދާޅުވާ ގޮތުގައި ކުޑަކުއްޖާއަށް އުޟްޙިޔާ ކަތިލުން ސުންނަތް ވެގެން ވެއެވެ. ޙަނަފީ މަޛްހަބުގައި މަޝްހޫރުވެގެންވާ ގޮތުގައި ކުޑަކުއްޖާގެ މައްޗަށް އުޟްޙިޔާ ވާޖިބެއް ނުވާނެއެވެ. އެކަމަކު އެއީ އޭނާގެ މައްޗަށް ސުންނަތް ވެގެންވާ ކަމެކެވެ. އޭނާގެ ބައްޕަ އެ ކުއްޖާގެ މުދަލުން މި ކަން ކޮށްގެން ނުވާނެއެވެ. އަބޫޙަނީފާއާއި އަބޫ ޔޫސުފު ވިދާޅުވާ ގޮތުގައި ކުޑަ ކުއްޖާގެ މުދަލުން އުޟްޙިޔާ ކަތިލުން ވާޖިބު ވާނެއެވެ. އޭނަގެ ފަރާތުން މި ކަން ކުރާނީ އޭނާގެ ބައްޕައެވެ. ނުވަތަ އޭނާގެ ވަޞިއްޔެވެ.
8- އުޟްޙިޔާ ކަތިލުން ވާޖިބު ވާނީ ރަށުގައި ޤާއިމުވުހުރި މީހާގެ މައްޗަށެވެ. އެހެން ކަމުން ދަތުރުވެރިއާގެ މައްޗަށް އުޟްޙިޔާ ކަތިލުން ވާޖިބެއް ނުވެއެވެ.ޙަނަފީން ވިދާޅުވާ ގޮތުގައި އަބޫބަކްރުގެފާނާއި އުމަރުގެފާނު ދަތުރުފުޅު މަތީގައި އުޟްޙިޔާ ކަތިލުއްވާފައެއް ނެތެވެ. ޢަލީގެފާނު ވިދާޅުވެފައިވަނީ " ދަތުރުވެރިއާގެ މައްޗަށް ހުކުރު ކުރުމެއް އަދި އުޟްޙިޔާ ކަތިލުމެއް ނެތެވެ. " މާލިކީން ވިދާޅުވާ ގޮތުގައި ޙައްޖުވެރިން ނޫން އެންމެންގެ މައްޗަށް ވެސް އުޟްހިޔާ ކަތިލުން ސުންނަތް ވެގެން ވެއެވެ. ޙައްޖުވެރިއާއަށް އޮތީ ހަދްޔު ކަތިލުމެވެ. ޝާފިޢީންނާއި ޙަންބަލީން ވިދާޅުވާ ގޮތުގައި އުޟްޙިޔާއަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ސުންނަތްވެގެންވާ ކަމެކެވެ.
ދަތުރުވެރިއަކާއި ރަށުގައި ޤާއިމުވެ ހުރިމީހަކާ ދެމެދުގައި ތަފާތެއް ނެތެވެ. މިކަމުގެ ދަލީލަކީ ރަސޫލުﷲގެފާނު މިނާގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ފަރާތްޕުޅުން ގެރިއެއް ކަތިލުއްވާފައިވާތީއެވެ. މިއީ ޙައްޖުވެރިންނަށް އުޟްޙިޔާކަތިލުން ސުންނަތްވެގެން ނުވާ ކަމަށް ވިދާޅުވާ ބޭކަލުންނަށް ދެއްވާ ރައްދެކެވެ.
އުޟްޙިޔާގެ ވަގުތު
ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އުޟްޙިޔާ ކަތިލުމުގެ އެންމެ މާތް ވަގުތަކީ ޢީދު ދުވަހުގެ އިރުމެދުން ފިލުމުގެ ކުރިންނެވެ.ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ގޮތުގައި " އަހުރެމެން މި ދުވަސް ފަށާނީ ނަމާދު ކުރުމުންނެވެ. ދެން އެނބުރި ގޮސް އުޟްޙިޔާ ކަތިލާނީއެވެ. ހަމަކަށަވަރުން އެ ފަދައިން ޢަމަލު ކުރިމީހާ ތިމަންކަލޭގެފާނުގެ ސުންނަތާ އެއްގޮތަށް ޢަމަލު ކޮށްފިއެވެ. " ހަމަ އެ ފަދައިން ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޢީދުވިލޭރޭ ނުވަތަ ޢީދު ނަމާދުގެ ކުރިން އުޟްޙިޔާ ކަތިލުން ހުއްދަ ވެގެން ނުވެއެވެ.
1- ޙަނަފީ މަޛްހަބު : އުޟްޙިޔާ ކަތިލުމުގެ ވަގުތު ފެށޭނީ ޢީދު ދުވަހަށް ފަތިސް ވުމުންނެވެ. މި ވަގުތު ނިމޭނީ ތިންވަނަ ދުވަހުގެ އިރު އޮއްސުމުގެ ތަންކޮޅެއް ކުރިންނެވެ. ނަމަވެސް ޢީދު ނަމާދު ޤާއިމު ކުރެވޭ ސަހަރުތަކުގައި ޢީދު ނަމާދު ކުރަން ޖެހޭ މީހުން ޢީދު ނަމާދު ކުރުމުގެ ކުރިން އުޟްޙިޔާ ކަތިލައިގެން ނުވާނެއެވެ. ޢީދު ނަމާދު ކުރުމަށް ފަހު ، ޚުޠުބާ ކިޔުމުގެ ކުރިން ވެސް އުޟްޙިޔާ ކަތިލެވިދާނެއެވެ. ޢީދު ނަމާދު ނުކުރާ ރަށްރަށުގެ މީހުންނަށް ޢީދުދުވަހަށް ފަތިސް ވުމުން އުޟްޙިޔާ ކަތިލެވިދާނެއެވެ. އުޟްޙިޔާއަށް ކަތިލުމަށް ގަތްފައިވާ ބަކަރި ގެއްލުނު ނަމަ ނުވަތަ ވަގަށް ނެގި ނަމަ އަލުން ބަކަރިއެއް ގަތުން މޮޅު އިތުރު ވެގެންވެއެވެ. ބަކަރި ގަތް ފަހުން ގެއްލުނު ބަކަރި ފެނުނު ނަމަ އިތުރު ވެގެންވަނީ އެ ދޭތި ކަތިލުމެވެ. ނުވަތަ ފުރަތަމަ އެތި ކަތިލުމެވެ. އަގުގެ ގޮތުން ދޭތި އެއްވަރު ނަމަ ދެވަނަ އެތި ވެސް ކަތިލެވިދާނެއެވެ.ޢީދުދުވަސް ކަނޑައެޅުމުގައި އެރި އޮޅުމެއްގެ ސަބަބުން ޙައްޖުމަހުގެ ނުވަވަނަދުވަހު ޢީދުކޮށް އުޟްޙިޔާ ކަތިލި ފަހުން އެއީ ޢަރަފާތު ދުވަސްކަން އެނގުނު ކަމުގައި ވިޔަސް ޢީދު ނަމާދުވެސް އަދި އުޟްޙިޔާ ވެސް ޞައްޙަވާނެއެވެ. އުޟްޙިޔާ ކަތިލުމުގެ ދުވަސްތަކަކީ ޢީދު ދުވަހާއި ޢީދު ދުވަހާ ވިދިގެން އަންނަ ދެ ދުވަހެވެ. ރޭގަނޑުގެ ވަގުތެއްގައި އުޟްޙިޔާ ކަތިލުން މަކްރޫހަވާނެއެވެ. ޙަނަފީންގެ ދަލީލަކީ އަލްބަރާއު ބުނު ޢާޒިބުގެ އަރިހުން ރިވާވެގެންވާ ޙަދީޘެވެ.ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " ނަމާދުގެ ކުރިން އުޟްޙިޔާ ކަތިލި ނަމަ އެއީ އޭނާގެ އަމިއްލަ ނަފްސަށްޓަކައި ކަތިލި އެއްޗެކެވެ. ޢީދު ނަމާދުގެ ފަހުން ކަތިލި މީހާ ފަހެ ، ހަމަކަށަވަރުން ސުންނަތް އަދާކޮށްފިއެވެ." މި ބަސްފުޅުގައި ރަސޫލުﷲގެފާނު އުޟްޙިޔާ ތަރްތީބު ކުރައްވާފައި މިވަނީ ނަމާދާ ވިދިގެންނެވެ. ޚުޠުބާއަކާ ގުޅުއްވައިފައެއް ނެތެވެ. މީގެ އިތުރަށް އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. " އަޟްޙާއަކީ ( އެބަހީ އުޟްޙިޔާގެ ދުވަސްތަކަކީ ) އަޟްޙާ ޢީދުދުވަހުގެ ފަހުން ދެ ދުވަހެވެ. "
2- މާލިކީން ވިދާޅުވާ ގޮތުގައި، ޢީދު ނަމާދުގެ އިމާމުގެ ޙައްޤުގައި ނަމަ އުޟްޙިޔާ ކަތިލުމުގެ ވަގުތު ފެށޭނީ ނަމާދުކޮށް ޚުޠުބާ ކިޔުމަށް ފަހުގައެވެ. އޭނާ އޭގެ ކުރިން އުޟްޙިޔާ ކަތިލި ނަމަ މި އުޟްޙިޔާ ޞައްޙައެއް ނުވާނެއެވެ. އެހެންމީހުން އުޟްޙިޔާ ކަތިލަން ވާނީ ޢީދު ނަމާދުގެ އިމާމު ކަތިލުމުންނެވެ. އިމާމާގެ ކުރިން ކަތިލި އުޟްޙިޔާ ޞައްޙައެއް ނުވާނެއެވެ. އެހެންކަމުން ޢީދު ނަމާދުގެ ކުރިން ކަތިލެވޭ އުޟްޙިޔާ އުޟްޙިޔާއަކަށް ނުވާނެއެވެ. މި ބޭކަލުންގެ ދަލީލަކީ ޖާބިރުގެފާނު އަރިހުން ވާރިދުވެފައިވާ ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި ރަސޫލުﷲގެފާނު އުޟްޙިޔާ ކަތިލުއްވުމުގެ ކުރިން އުޟްޙިޔާ ކަތިލި މީހުންނަށް އަލުން އުޟްހިޔާ ކަތިލުމަށް ރަސޫލާ އަމުރު ކުރެއްވިއެވެ.