ހއ.މާރަންދޫގައި ކުރިއަށް އޮތް އަޟްހާ ޢީދު ފާހަގަކުރަނީ އެރަށުގެ ހުރިހާ ޖަމިއްޔާ ތަކާއި މުއައްސަސާތައް ގުޅިގެން ކަމަށްވާއިރު، ވަކި ޖަމާއަތް ހަދައިގެން ޢީދު ފާހަގަކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް މާރަންދޫ ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން މިފަދައިން ބުނީ، މާރަންދޫގެ ޖަމިއްޔާއެއް ކަމަށްވާ މާރަންދޫ ދަންމަރު (މާދަ) ޖަމިއްޔާ އިން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ނިންމުމުން، ރަށުގެ ކައުންސިލުން އެކަން މަނާކޮށް އިންޒާރުދިން ކަމަށް ބުނެ ނެރެފައިވާ ނޫސް ބަޔާނަކާއި ގުޅިގެންނެވެ.
މި ނޫސް ބަޔާނުގައި މާދަ ޖަމިއްޔާއިން ވަނީ ކައުންސިލުން މިފަދައިން މަނާކުރީ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތި ކަމަށާއި، ޢީދު ކުޅިވަރު ކުޅުން މަނާކޮށް އިންޒާރު ދިނީ ހަމައެކަނި އެ ޖަމިއްޔާ އަށް ކަމަށް ބުނެފައެވެ. އަދި މިފަދައިން ރަށުގެ ކައުންސިލުން އަމަލުކުރީ، އެ ޖަމިއްޔާ އަކީ ކައުންސިލުން އިސްނަގައިގެން، ރަށުގެ މުއައްސަސާތަކާއި ޖަމިއްޔާތައް ހިމަނައިގެން އުފައްދާފައިވާ ކުޅިވަރު ކޮމެޓީގެ މެމްބަރަކަށް ވުން ކަމަށް ބުނެ އެ ޖަމިއްޔާ އިން ވަނީ އެ ކޮމެޓީގައި ހިމެނޭ އެހެން ފަރާތްތަކުން ވެސް ކޮމިޓިގެ ބައިވެރިވުމެއް ނެތި ހަރަކާތްތައް ކުރިއަށް ގެންދާކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މާރަންދޫގެ ކައުންސިލުން ބުނީ މި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށާއި، އެހެން އަހަރުތަކެކޭ ވެސް އެފަދައިން މިއަހަރުވެސް ރަށުގައި ބޮޑު ޢީދު ފާހަގަ ކުރަނީ ކުޅިވަރު ކޮމެޓީގެ އިސްނެގުމުގެ މަތިން ކަމަށެވެ.
ހުރިހާ ޖަމިއްޔާ ތަކާއި މުއައްސަސާތަކާއި ކުޅިވަރު ކޮމެޓި ގުޅިގެން ރަށުގައި ޢީދު ފާހަގަކުރާކަން އެނގިތިބެ، ކުޅިވަރު ކޮމެޓީގެ އެއްވެސް ބައްދަލުވުމަކަށް މާދަ ޖަމިއްޔާ އިން ހާޒިރު ނުވެ، އެ ޖަމިއްޔާއިން އަމިއްލަ އަށް ޢީދު ޝެޑިއުލް އެއް އެ ޖަމިއްޔާ ގެ ފޭސްބުކް ފޭޖްގައި އާއްމު ކުރި ކަމަށް ކައުސިލުން ބުންޏެވެ.
އެހެންވެ ކައުންސިލުން ހަފްތާއެއް ކުރިން، އެބޭފުޅުންނަށް ނަސޭހަތުގެ ސިޓީއެއް ފޮނުއްވި ކަމަށާއި، އެ ސިޓީގައި، ވަކި ޖަމާއަތް ހަދައިގެން ރަށުގެ އިޖުތިމާއީ އެކުވެރިކަމާއި ދީނީ އެއްބައިވަންތަކަން ގެއްލުވާލުމުގެ ފުރުސަތު ކައުންސިލުން ނުދޭނެ ކަމަށާއި، އީދު ހަރަކާތްތަކުގެ މަޝްވަރާތަކުގައި ބައިވެރިވެ، ކުޅިވަރު ކޮމިޓީން ޝެޑިއުލް އާއްމު ކުރުމާއި ހަމައަށް ވެސް މަރުހަބާ ކިޔާ ކަމަށާއި، އެންމެން ގުޅިގެން ރަށުގެ ދީނީ، އިޖުތިމާއި އަދި އެއްބައިވަންތަކަމުގެ ރޫހު ނަގާނުލާ އީދު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެދިފައިވާ ކަމަށެވެވ.
"މި ސިޓީގައި ފާހަގަކުރިން، ވަކި ޖަމާއަތް ހަދައިގެން އީދުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިޔުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެކަމަށާއި، ކައުންސިލްގެ އަމުރަށް ނުކިޔަމަންތެރި ވެއްޖެނަމަ ގާނޫނާއި ގަވާއިދުގެ މަތިން ފިޔަވަޅު އަޅަން ޖެހުމަށް ފަސްނުޖެހޭނެ ކަމަށް،" ކައުންސިލުން މައުލޫމާތުދެއެވެ.
އެ ކައުންސިލުން ވަނީ ނިމިދިޔަ 2023 ވަނަ އަހަރާއި މި ހިނގާ 2024 ވަނަ އަހަރު ގެ އީދުގެ ހަރަކާތްތައް ފާހަގަކުރުން މަނާކުރީ ހަމައެކަނި މާދަ ޖަމިއްޔާ އަށް ކަމަށް އެޖަމިއްޔާއިން ބުނި ބުނުން ދޮގުކޮށްފައެވެ. އެ ދެ އަހަރު ވެސް މަނާކުރީ، ހުރިހާ އެންމެން ގުޅިގެން މާރަންދޫގައި ޢީދު ފާހަގަކުރަން ނިންމިއިރު، އެ ޖަމިއްޔާ އިން ބޭނުންވަނީ ވަކި ޖަމާއަތް ހަދައިގެން އެކަން ކުރުމަށް ކަމަށާއި، އެ ފުރުސަތު ކައުންސިލުން ނުދޭނެ ކަމަށް ދެ އަހަރު ވެސް އެ ޖަމިއްޔާ އަށް ކައުންސިލުން އެންގި ކަމަށް ކައުންސިލުން ބުނެއެވެ.
މާރަންދޫ ކައުސިލުން ބުނީ އެކައުންސިލުން އެއްވެސް ހާލެއްގައި ވަކި ބަޔަކަށް ވާތީ ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށާއި، މާދަ ޖަމިއްޔާ އިން ވެސް ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެ، ބޭނުންވާ ކަންތައްތައް ހިއްސާކޮށް މަޝްވަރާކޮށްގެން ކަންތައްތައް ނިންމުމަށް އެދޭކަމަށެވެ.