ޢީދު ކުޅިވަރުގެ ތެރެއިން. ފޮޓޯ: ސޯޝަލްމީޑިއާ

މުސްލިމުން ޢީދުއުފާ ފާޅުކުރާއިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާންޖެހޭ: ޢީދު ޚުޠުބާ

މުސްލިމުން ޢީދުއުފާ ފާޅުކުރާއިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާންޖެހޭ ކަމަށް ޢީދު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

އަޟުޙާ ޢީދުގެ މުނާސަބާގައި މިއަދު މުޅި ރާއްޖޭގައި އިއްވި ޚުޠުބާގައި ވިދާޅުވީ މުސްލިމުންގެ މަތިވެރި އަޟުޙާ ޢީދަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރި މުސްލިމުންނާއި އަދި އެނޫން ވެސް މީސްތަކުން، ﷲއަށް ޓަކައި ޤުރްބާންކުރާ ދުވަސް ކަމަށާ އެ ތަކެތި ޤުރްބާން ކުރުމުގެ ޙިކުމަތާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ "އެ ފަދައިން އެކަލާނގެ އެ ތަކެތި، ތިޔަބައިމީހުންނަށް ޓަކައި خدمةތެރި ކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް،ﷲ އަށް ތިޔަބައިމީހުން تكبير ކިޔައި އުޅުމަށް ޓަކައެވެ. އަދި إحسان ތެރީންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!" މިފަދައިންނެވެ.

ޚުޠުބާގައއި ވަނީ މި މަތިވެރި ދުވަހުގައި، މާތް ﷲއަށް ޝުކުރުކުރުމާއި، އެކަލާނގެ ހަނދުމަކުރުމާއި، އެކަލާނގެއަށް ތަކުބީރުކިޔުން މަތީގައި ވަގުތުތައް ހޭދަކުރުމަށް ގޮވާލައްވައިފައެވެ.  اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، لَا إِلَـٰهَ إِلَّا اللهُ، وَاللهُ أَكْبَرُ، وَلِلّٰهِ الْـحَمْدُ.

މި މަތިވެރި އަޟުޙާ ޢީދު ދުވަހުގައި، މުސްލިމުން ކުރާ ޤުރްބާންތައް އައުކޮށްދެނީ، އިބްރާހީމް ޢަލައިހިއްސަލާމުގެ ޒިކުރާ ކަމަށާ ނުހަނު މުސްކުޅި ޢުމުރުފުޅުގައި ލިބިވަޑައިގަތް ދަރިކަލުން،އިސްމާޢީލުގެފާނު، ބޮޑުފުޅުވެ މައިންބަފައިންނަށް ފައިދާކުރާ ޢުމުރުފުޅާ ހަމައަށް ފޯރެއްޖެ ހިނދު، އެ ދަރިކަލުން ޤުރްބާންކުރެއްވުމަށް އަމުރުކުރެއްވުމުން، އިބްރާހީމްގެފާނު ފަސްޖެހިވަޑައިނުގެން މާތް ﷲގެ އަމުރުފުޅަށް، ބޯލަނބައި ކިޔަމަންތެރިވެވަޑައިގަތް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"މި ޢިބުރަތުން ފުރިގެންވާ ޙާދިޘާއިން އަހަރެމެންނަށް ލިބިދޭ އެންމެ އަގުހުރި ފިލާވަޅަކީ، ހުރިހައި ޙާލެއްގައި ވެސް މާތް ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މުހިއްމުކަމެވެ. ކޮންމެ ބަޔަކު ވެސް އެބަޔަކަށް މާތް ﷲ ޙަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ ނަމަ، މި ދުނިޔެއިން އެންމެހައި ފަސާދަތައް ނެތިހިނގައިދާނޭކަން ކަށަވަރެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

މާތްﷲގެ ވަޙީ ބަސްފުޅުން އެނގޭ ގޮތުގައި، ޤައުމަކަށް ލިބޭނެއެންމެ ބޮޑު ނިޢުމަތަކީ، އެ ޤައުމުގެ އަހުލުވެރީންނަކީ މާތް ﷲ އެއްކައުވަންތަކޮށް އާޚިރަތް ދުވަހަށް އީމާންވާ ބަޔަކަށް ވުން ކަމަށާ އެއީ މާތް ﷲ އަށް ބިރުވެތިވެ، އެކަލާނގެއަށް ޖަވާބުދާރީވާން ޖެހޭ ދުވަހެއް އަންނާނޭކަން ޤަބޫލުކުރާ ބަޔެއްގެ މެދުގައި ފަސާދަތައް މަދުވާނެތީ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މި މަތިވެރި ދުވަހުގައި، އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން، އިސްލާމްކަން މަތީ ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅާ، ދޭދޭ ގުޅުންތައް ވަރުގަދަކުރުމަށް ޓަކައި، އަތުކުރި އޮޅާލުމަށް ޚުޠުބާގައި ވަނީ ގޮވާލައްވައިފައެވެ.

ނަބިއްޔާ ޞ.ޢ.ވ. ގެ  އިރުޝާދުގައިވާ ގޮތަށް، އަހަރެމެން މުސްލިމުން ޢީދުއުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާންޖެހޭ ކަމަށާ ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހޭ ކަމަށާ އަހަރެމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވައިފައިވާ ބަޔެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އިސްލާމްދީނަކީ ޢިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް، މިއަދު އަހަރެމެން މުސްލިމުން މި ވަނީ ވަރަށް ނިކަމެތިވެފައި ކަމަށާ  މި ކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ، ފަލަސްޠީނުގެ ރަފަޙާއި، ޣައްޒާއާއި، އެހެނިހެން ބިންތަކަށް ޞަހުޔޫނީން ވެރިވެގަނެފައިވީ ހިނދުވެސް، އަހަރެމެންގެ މި ބޮޑު އުންމަތް، އެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"މި އުންމަތުގެ މީސްތަކުންގެ ޢަދަދާއި ޤުދުރަތީ ވަސީލަތްތައް ގިނަވެފައިވީ ނަމަވެސް މެއެވެ. އެހެންކަމުން މި މަތިވެރި ދުވަހުގައި، އުންމަތް ބިނާކުރުމަށް އަހަރެމެން ޢަޒުމްކަނޑައަޅަމާ ހިނގާށެވެ! ޢިލްމާއި ތަޢުލީމުކުރިއެރުވުމުގައި، ކުރިއަރައިދިޔުމަށް މަސައްކަތްކުރަމާ ހިނގާށެވެ! ފަންނިއްޔަތާއި ފަންނުވެރިކަމުގައި، ހުނަރުވެރިވަމާ ހިނގާށެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.

މުސްލިމް އުއްމަތަކީ އިންސާނިއްޔަތަށް އެތައް ގިނަގުނަ ޢިލްމާއި، ފަންނުވެރިކަމާއި، ހެވެއް ފޯރުކޮށްދިން ޝަރަފުވެރި އުންމަތެއް ކަމަށާ މާތް ﷲ އާއި ރަސޫލާ ޞ.ޢ.ވ. ގެ ޢަދުއްވުން، އިސްލާމްދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް، އެއްބައިވަންތަކަމާ އެކު، ކުރިމަތިލުމަށް ޚުޠުބާގައި ވަނީ ގޮވާލައްވައިފައެވެ.

advertisement
ހިޔާލު ދެއްވާ!