ޅ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި އިންތިޚާބަކާ ނުލައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް ލިބިއްޖެއެވެ.
މީގެއިތުރުން ޖުލައި މަހު ބާއްވަން ހަމަޖެހިފައި އޮތް ބައި އިލެކްޝަންތަކުގެ ތެރެއިން އިތުރު 2 ގޮނޑި އިންތިޚާބަކާ ނުލައި ޕީއެންސީއަށް ވަނީ ލިބިފައެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކުރި އިޢުލާނެއްގައި ބުނީ 2024 ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޅ. އަތޮޅު ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކަމަށެވެ.
ބައި އިލެކްޝަނުގައި ބައިވެރިވުމަށް އިލެކްޝަނުން ދިން މުއްދަތު ހަމަވިއިރު، ކުރިމަތިލާފައި ވަނީ މުޙައްމަދު ސަނީ މުނިމާގެ، ޅ. ނައިފަރު (ޕީޕަލްސް ނެޝަނަލް ކޮންގްރެސް) އެކަނި ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަނުން ބުނީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މުޙައްމަދު ސަނީ މުނިމާގެ، ޅ. ނައިފަރު (ޕީޕަލްސް ނެޝަނަލް ކޮންގްރެސް) އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރާ ކަމަށެވެ.
މީގެއިތުރުން 2024 ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ ޢަބްދުﷲ ސާމިޙު، ފަޒާ ރ. ހުޅުދުއްފާރު (ޕީޕަލްސް ނެޝަނަލް ކޮންގްރެސް) އެކަނި ކަމަށް ވާތީ ޢަބްދުﷲ ސާމިޙު ވަނީ އެމަޤާމަށް އިންތިޚާބުވެފައި ކަމަށް އިލެކްޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އިންތިޚާބަކާ ނުލައި ޕީއެންސީއަށް ލިބިފައި ވަނީ ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަން ކަމަށް އިލެކްޝަނުން ބުނެފައިވެއެވެ. މި ގޮނޑިއަށް އިންތިޚާބުވެފައި ވަނީ ޅ. ހިންނަވަރު ރީކޯ ފާތިމަތު މޫސާއެވެ.
އިންތިޚާބަކާ ނުލައި 3 ބައި-އިލެކްޝަނެއްގެ ގޮނޑި ޕީއެންސީއަށް ލިބުމާއެކު، ޖުލައި 20ގައި މިހާރު އޮންނާނީ 6 ލޯކަލް ކައުންސިލް ބައި-އިލެކްޝަނެވެ. އޭގެތެރޭގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު، ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އަދި ބިލެތްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުން ހިމެނެއެވެ.