ޔޫރޯ2020 ގައި ހިނގި ހިތާމަވެރި ހާދިސާ އަށް ބަރާބަރު 1100 ދުވަސް ފަހުން މިރޭ ޔޫރޯ 2024 ގައި ޑެންމާރކް އާއި ސްލޮވޭނިއާ މިވަގުތު ކުޅެމުންދާ މެޗުގައި ޑެންމާރކްގެ ކްރިސްޓިއަން އެރިކްސަން އެޓީމަށް ރީތި ގޯލެއް ޖަހައިދީ ފުރަތަމަ ހާފުގެ ލީޑް ނަގައިދީފިއެވެ.
ޔޫރޯ 2020 ގައި ފިންލެންޑާއި އެކު ޑެންމާރކް ކުޅެމުން ދިޔަ މެޗުގެ 43 ވަނަ މިނެޓުގައި ކުއްލިޔަކަށް އެރިކްސަން ވެއްޓި އެއްވެސް ހަރަކާތެއް ނެތްކަން އެންމެ ފުރަތަމަ ފާހަނގަވީ އެޓީމުގެ ކެޕްޓަން ސައިމަން ކްޖަރ އަށެވެ.
ވަގުތުން އޭނާ ވަނީ އެރިކްސަން އަށް ފުރަތަމަ އެހީ ދިނުމުގެ މަސައްކަތް ކޮށްފައެވެ. ސައިމަންގެ ހުޝިޔާރު ކަމަށް ޓީމްގެ ޑޮކްޓަރުން ވެސް ވަނީ އޭނާޔަށް ތަޢުރީފު ކޮށްފައެވެ. މި ހާދިސާ އަށް ފަހު އެރިކްސަން ހިތުގައި ކާޑިއޯވަރޓަރ ޑިފިބްރިލޭޓަރ އެއް ލައްވާފަ ހުރެއެވެ.
އެ ހާދިސާއަށް ފަހު އެރިކްސަން ކުޅުމަށް އެނބުރި އައީ އޭގެ 259 ދުވަސް ފަހުން ޕްރިމިއާރ ލީގުގައި ބްރެންޓްފޯރޑް، ނިއުކާރސަލް އާއި ދެކޮޅަށް ކުޅުނު މެޗުގެ 52 ވަނަ މިނެޓުގައި އެވެ. މި މެޗުގައި އެރިކްސަން އަށް ދެޓީމުގެ ސަޕޯރޓަރުންނާއި ކުޅުންތެރިންގެ ފަރާތުން ވަނީ ހޫނު ތަރުޙީބެއް ދީފައެވެ.
އެރިކްސަން މިހާރު ކުޅެމުން ދަނީ އިނގިރޭސި ލީގުގެ މެންޗެސްޓާރ ޔުނައިޓެޑަށެވެ.