ދ. އަތޮޅުގައި އޮންނަ ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗުޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އަނިޔާވި ދެ މީހަކަށް ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ރޭ ހިނގާފައިވާ ކަމަށާއި އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަން ފުލުހުން ރޭ ވަނީ ބުނެފައެވެ.
ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ އެކްސިޑެންޓުގައި އަނިޔާވެގެން ގެނައި ދެމީހުންގެ ޙާލުވެސް ރަނގަޅުކަމަށާއި، ބޭރުފުށުން މާބޮޑު އަނިއްޔާއެއް ފެންނަން ނެތް ކަމަށެވެ.
އެހެންނަމަވެސް އެމީހުންގެ ޙާލަތު އިތުރަށް ދެނެގަތުމަށް އެކްސްރޭއެއް ނަގާ ޓެސްޓް ހަދަމުންދާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އެކްސިޑެންޓްވެފައި ވަނީ ދ. ވޮއްމުލި ރިސޯޓް ލޯންޗަކާ ދ. ދޫރެސް ރިސޯޓް ލޯންޗެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.