ހދ. ނޮޅިވަރަމް ފުޓްސެލް ދަނޑުގައި ބަޔަކު ގަސްތުގައި ރޯކޮށްލައިފިއެވެ.
މި މައްސަލާގައި ފުލުހުން ވިދާޅުވީ ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯވިކަމުގެ މައުލޫމާތު ރޭ ވަގުތެއްގައި ލިބިފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެތަނުގައި ރޯވީ ކަމެއް ނުވަތަ ރޯކޮށްލީ ކަމެއް ވެސް ބުނަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށެވެ.
މިކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުގެ މެންބަރަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެތަނުގައި ރޯ ކޮށްލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާ އެކަމުގެ މައުލޫމަތު ލިބުނީ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
އަދި މިހާރު އެ ރަށުގައި، އެ ފުޓްސެލް ދަނޑުގައި މުބާރާތެއްވެސް ކުރިއަށްދާއިރު، ރޯކޮށްލުމުގެ ސަބަބުން އެ މުބާރާތްވެސް ދެން އެ ދަނޑުގައި ކުރިއަށް ނުގެންދެވޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު ފާހަގަ ކުރެއްވި ގޮތުގައި ފުޓްސަލް ދަނޑުގައި އެކްސިޑެންޓް އަކުން ރޯވީ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް އެމެންބަރު ވިދާޅުވިއެވެ.