އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ

އިސް ބައެއް މެމްބަރުން އިސްތިޢުފާދިނުމާއި ގުޅިގެން އިސްރާއީލުގެ ހަނގުރާމަ ކެބިނެޓް އުވާލައިފި!

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާޢަތުން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން  މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި ނަތަންޔާހޫ އެކުލަވައިލި، 6 މެމްބަރުންގެ ހަނގުރާމަ ކެބިނެޓް އުވާލައިފިއެވެ.

ފަލަސްޠީނުގެ ހަމާސް ޖަމާޢަތް ނައްތާލަންކަމަށް ބުނެ އިސްރާއީލުން ފެށި ހަނގުރާމައިގެ ކަންކަން ބަލަހައްޓަން އުފެއްދި ކެބިނެޓް، އުފައްދާފައިވަނީ ހަމާސް ޖަމާޢަތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ގައި އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ހަނގުރާމަ ކެބިނެޓް އުވާލާފައި މިވަނީ ހަމާސް-އިސްރާއީލް ހަނގުރާމައިގައި ނަތަންޔާހޫ ގެންގުޅެމުންދާ ސިޔާސަތުތަކާ ނުރުހުންވެ، އިސް ދެ މެންބަރުން މިދިޔަ ހަފުތާގައި އިސްތިޢުފާ ދިނުމާއި ގުޅިގެންނެވެ.

އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ ކުށެއްނެތް ޢަންމުންގެ 37،400 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 16،000 ކުޑަކުދިން ހިމެނޭ ކަމަށް ފަލަސްޠީނުގެ މަސްދަރުތަކުން ވަނީ ބުނެފައެވެ.

ޔަހޫދީން ފަލަސްޠީނުގެ ބިމަށް ގަދަބާރުން ވެރިވެގަނެ އިސްރާއީލު ކިޔާ ނުޙައްޤު ދައުލަތެއް އެ ބިމުގައި އުފައްދާ، ބިންތައް ފޭރި ފަލަސްޠީނުގެ ރައްޔިތުން ގެދޮރުން ނެރެ، ޤަތުލުއާންމު ހިންގަމުންދާއިރު، މިކަންކަމާ ދެކޮޅަށް މުޖާހިދުން ދަނީ ކުރިމަތިލާ ކާމިޔާބީތައް ހޯދަމުންކަން ފާހަގަ ކުރެވެއެވެ.

ހަރުކަށި ޔަހޫދީ ދައުލަތުން ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުންތަކާ ދެކޮޅަށް، ޖިހާދުކުރަމުން އަންނަ ފަރާތްތަކުގެތެރޭގައި ހަމާސް ޖަމާޢަތުގެ އިތުރުން ލުބުނާނުގެ ހިޒްބުﷲ، ޔަމަންގެ ހޫތީން އަދި އިރާޤްގެ އިސްލާމިކް ރެސިސްޓެންޓް ޖަމާޢަތް ހިމެނެއެވެ.

advertisement
ހިޔާލު ދެއްވާ!