ބޮޑުޢީދު ކުޅިވަރުތަކުގެތެރެއިން މާލި ނެރުން.

ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ އިސްލާމީ ޢީދު ފާހަގަކުރުން ހުއްދައެއް ނުވާނެ!

ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދައެއް ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އަޟުޙާ ޢީދު ރާއްޖޭގެ ކަންކޮޅުތަކުގައި ފާހަގަ ކުރަމުން އަންނަ މި ދަނޑިވަޅުގައި މިނިސްޓަރ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ ދީނާކީ މާތް ﷲ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތް ކަމަށާ އިސްލާމީ ހިދާޔަތުގެ މަގަށް މިރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މިރާއްޖޭގެ ސަޤާފަތަކީ އިސްލާމީ ސަޤާފަތް ކަމަށެވެ.

ވަޒީރު ވިދާޅުވީ ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދައެއް ނުވާނެ. އިސްލާމީ ޢީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއެއްގޮތައް." ވަޒީރު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ދިވެހިންގެ ސަޤާފަތެއްކަމުގައި ބެލެވޭނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްކަންކަން ކަމަށާ  އެނޫންކަންކަމަކީ ޚުރާފީ ބާޠިލްކަންކަން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ ޢީދުގައި އޮންނަންޖެހޭނެ ކަމެއް ކަމަށާ މިކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި ކަމަށެވެ.

އަދި އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުޢާކޮށް އެކަމުގައި ސާބިތުވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އިސްލާމީ ޢީދެއް ކަމުގައިވާ އަޟުޙާ ޢީދު ފާހަގަކުރުމުގައި މިއުޒިކު، ކުޅެ ދެ ޖިންސް މަސްހުނިވެ، ނަށާ ހެދުން ހުއްދަ ވެގެން ނުވާ ކަމަށް ބުނެ ގިނަ ޢިލްމުވެރިން މީސްމީޑިއާގައި ޚިޔާލުފާޅު ކުރައްވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!