ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށްބޭނުންވާ މީހުންގެ މަރުކަޒުގައި "އުފަވެރި ރާސްތާ" ޕްރޮގްރާމެއް ފަށައިފި އެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާއިބެހޭ ވުޒާރާއިން ބުނީ މި މަރުކަޒުގައި ތިބި ހިނގާ ބިނގާވެ އުޅެވޭ 60 އިސްވެރިންނާއިއެކު ފެށި މި ޕްރޮގްރާމަކީ ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒު ކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާއީ ހަރަކާތްތަކާއިއެކު ފޯރުކޮށްދެވޭ މަޢުލޫމާތު ސެޝަނެއް ކަމަށެވެ.
އަދި މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާނީ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަންނީ ބެފުޅުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެ މަރުކަޒުގައި ޚިދުމަތް ހޯދާ ފަރާތްތައް މުޖުތަމަޢުއަށް ނެރުމަށް އަހުލުވެރި ކުރުވުން ކަމަށާއި ދުޅަ ހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދިނުން ކަމަށްވެސް އެވުޒާރާ އިން ބުނެފައިވެ އެވެ.
60 މެމްބަރުންނާއިއެކު އިއްޔެ ފެށި މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ ނަރުހުންނާއި ސޯޝަލްވޯރކަރުންކަން ފާހަގަކުރެވެ އެވެ.
އެގޮތުން އިއްޔެގެ ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކޮންމެ ދުވަހެއްގައި ކުރެވިދާނެ ކަސްރަތުތަކާއި މިންހެޔޮ ކާނާއާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް އިސްކަންދިނުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުންނެވެ.