އީރާނަށް އައި ބިންހެލުމުގައި ހަތަރު މީހަކު މަރުވެއްޖެ

އީރާނަށް އައި ބިންހެލުމުގައި ހަތަރު މީހަކު މަރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި އީރާނަށް މި ބިންހެލުން އައިސްފައިވަނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

އަދި ރިޕޯޓްތައް ބުނާގޮތުގައި އީރާނުގެ އިރު އުތުރުގެ ރަޒާވީ ޚުރާސާން ޕްރޮވިންސްގެ ކަޝްމާރަށް 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

އެސަރަހައްދުގެ ގަވަރުނަރު ހޮޖްޖަތޮއްލާހް ޝަރިޔަތުމަދާރީއާ ބުނީ އިއްޔެ އެ ސަރަހައްދަށް އައި ބިންހެލުމުގައި 120 މީހަކަށް ވަނީ އަނިޔާވެފައި ކަމަށާއި އޭގެ ތެރެއިން 35 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

އީރާނަށް ވަރަށް ގިނައިން ބިންހެލުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން އީރާނަަށް މީގެ ކުރިން އައި ބިންހެލުންތަކަށް ބަލާއިރު 2022 ވަނަ އަހަރުގެ ޖުލައި މަހު އީރާންގެ ދެކުނު ހޮރްމޮޒްގަން ޕްރޮވިންސަށް ވަގުތެއްގައި އައި ބާރުގަދަ ބިންހެލުންތަކުގައި ފަސް މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވެއެވެ.

އަދި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އީރާނުގެ ދެކުނުގެ ބަންދަރު އައްބާސް ބަނދަރު ކައިރިއަށް ބާރުގަދަ ދެ ބިންހެލުން އައިސްފައިވާކަން ފާހަގަކުރެވެއެވެ.

2020 ގެ މެއި މަހުގައި އީރާންގެ ދެކުނުގެ ސަރަޙައްދުގައި އޮންނަ ދައުލަތުއާބާދަށް ރެކްޓަރ މިންގަނޑުން 5.0 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!