މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ އެއްވެސް ހަމައެއްނެތި ކުށްވެރިން ދޫކޮށްލާފައި ވާތީ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ފޮލިސް އަޙުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއްނެތި މުޖުތަމަޢުއަށް ދޫކޮށްލާފައި ވާތީ ކަމަށެވެ.
ޝިފާން ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށާ ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުމުން ކަމަށާއި، އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓަރކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށެވެ.
އަދި ފުލުހުންގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށްޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ރޭވުންތެރިކަމެއް ނެތި ހިންގި ޕްރޮޖެކްޓް ތަކުގެ ސަބަބުންވެސް މި މައްސަލަ ހައްލުކުރަން އިތުރަށް ދަތިވެފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.
ޝިފާން މިމޭރުމުން ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ މާލޭގައި ވައްކަން އިތުރުވެ، މަސްތުވާތަކެތި ބޭނުންކުރުން އާންމުވެ، ނުރައްކާތެރިކަން ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ކަމަށާ މިކަންތައްތައް ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް އަޅާތަން ނުފެންނަ އިރު، ކުށް ކުރުން އިތުރުވަމުން އަންނަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެންނެވެ.
މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ފުލުހުން އެންމެފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ބުނެފައިވެއެވެ.