ސައިޕްރަސްގެ ވައިގެ ސަރަހައްދު އިޒްރޭލުގެ ހަނގުރާމަމަތީ އުޅަނދުތަކަށް ހުޅުވާލައިފިނަމަ ސައިޕްރަސްއަށް ހަމަލާދޭނެ ކަމަށް ލުބްނާނުގެ ޙިޒްބުﷲގެ ލީޑަރު ސައްޔިދު ޙަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ.
ނަސްރުﷲ މީޑިއާ މެދުވެރިކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސައިޕްރަސްގެ ވައިގެ ސަރަހައްދު ބޭނުންކުރުމަށް އެ ޤައުމުގައި އިސްރާއީލުގެ ވައިގެ ސިފައިން ތަމްރީނުތަކެއް ހަދަމުން އަންނަކަމުގެ ސިއްރު މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަސްރުﷲ ވިދާޅުވީ ސައިޕްރަސްގެ ވައިގެ ސަރަހައްދު ހަނގުރާމައިގެ މި ޙާލަތުގައި އިސްރާއީލަށް ހުޅުވާލައިފިނަމަ، ސައިޕްރަސްވެސް އެވަނީ ހަނގުރާމާގައި ބައިވެރިވެފައި ކަމަށާ އެހެންކަމުން އެ ޤައުމާމެދު ޢަމަލުކުރާނީ ހަނގުރާމައިގެ ބައިވެރިއެއް ގޮތުގައި ކަމަށެވެ.
ޙިޒްބުﷲގެ ހުދުހުދު ޑްރޯންއިން ރެކޯޑްކޮށްފައި ހުރި، އިސްރާއީލުގެ އެތައް ސިޓީއެއްގެ ވީޑިއޯތަކުގެ ބައިތައް އަދި ފެންނާނެ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިސްރާއީލުގެ ހައިފާގެ ފުޓޭޖާ ހައިފާގެ ކުރި، ހައިފާގެ ފަހަތް، އަދި ހައިފާގެ ފަހަތުގައި ދެންހުރި ތަނެއްގެ ފަހަތުގެ ވީޑިއޯ ފުޓޭޖުވެސް އެބަހުރިކަމަށެވެ.
ޙިޒްބުﷲއަށް ދެނެ ނުގަނެވޭ އެންމެ ޕްއިންޓެއްވެސް ނުވާކަން އިސްރާއީލަށް އެނގޭނެ ކަމަށްވެސް ނަސްރުﷲ ވިދާޅުވިއެވެ. އަދި ޙިޒްބުﷲގެ ހަނގުރާމަވެރިން ވައިގެމަގުންނާ ކަނޑުން އަދި އެއްގަމު މަގުންވެސް ހަމަލާ ދީފާނެކަމަށް ބެލުމަށް އިސްރާއީލަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.
ލުބުނާންއާ ހަނގުރާމަ ފަށައިފިނަމަ ޙިޒްބުﷲގެ ހަނގުރާމަވެރިން އެއްވެސް ހުދޫދެއްނެތި ހަމަލާ ދޭނެ ކަމަށާ އެއްވެސް ޤާނޫނަކަށް ބެލުމެއް ނޯންނާނެ ކަމަށާ ޒަޔަނިސްޓުންނާ އެ މީހުންގެ ވާގިވެރިޔާ އެމެރިކާގެ ބޮޑުން މިވާހަކަތައް ފަރުވާތެރިކަމާއެކު އަޑުއަހަންޖެހޭ ކަމަށްވެސް ނަސްރުﷲ ވިދާޅުވިއެވެ.
ޣައްޒާ ހަނގުރާމައާއި ގުޅިގެން ޙިޒްބުﷲ، ޔަމަން އަދި އިރާޤުގެ ހަނގުރާމަވެރިން އަދާކުރަންޖެހޭ ވާޖިބު އަދާކުރުން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ޣައްޒާ އަދި ފަލަސްޠީނު މީހުނާ އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.