ކޮންމެ އަހަރެއްގައިވެސް މި ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވޭ: ވަޒީރު

ކޮންމެ އަހަރެއްގައިވެސް މި ދުވަސްވަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ މި މިއަހަރު ދަށްވެގެން ދިޔައީ މީގެ ކުރީގެ އަހަރުތަކާއި އަޅާ ބަލާއިރު މާ ބޮޑު އަދަދެއް ނޫން ކަމަށެވެ.

އެކަން ފާހަގަ ކުރައްވާ ފައިޞަލް ވިދާޅުވީ އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ލޯ ސީސަންގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރަން ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ.

އަދި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވެ، އެނދުތައް ހުސްކޮށް ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ލޯ ސީސަންގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ޚާއްސަ ސަމާލުކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތްތައް ކުރުމަށް އެމްއެމްޕީއާރުސީގެ ބަޖެޓު އިތުރުކުރުން މުހިއްމު ކަމަށެވެ.

އަދި ފަތުރުވެރިކަން އިޝްތިހާރު ކުރަން ހޭދަކުރާ ފައިސާއަކީ އޭގެ ސަބަބުން މި ސިނާއަތުން ޤައުމަށް ލިބޭ ނަފާ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނުވަނީ ފާހަގަ ކުރައްވާފައެވެ.

advertisement
ހިޔާލު ދެއްވާ!