އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް

ކުށްކުރުން އިތުރުވުމާއި ގުޅިގެން ޝިފާން ދެއްކެވި ވާހަކައަށް އެމްޑީޕީން ރައްދު ދީފި!

ކުށްކުރުން އިތުރުވުމާއި ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ފޮލިސް އަޙުމަދު ޝިފާން އިއްޔެ ވިދާޅުވި ވާހަކައަށް އެމްޑީޕީން ރައްދު ދީފިއެވެ.

ޝިފާން އިއްޔެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ޙަޤީޤަތެއް ކަމަށާ ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުމުން ކަމަށާއި، އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓަރކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގައި ކުށް ކުރުން ހައްދުން ނެއްޓި އެތައް ބައެއްގެ މުދަލަށް ގެއްލުންވަމުންދަނީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް ސިފަވާގޮތަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދައްކަވައިފައިވާ ވާހަކަތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ ކުށްކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން ބަންދުން ދޫކޮށްލި ބައެއްގެ ސަބަބުން ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް، ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ނެތި ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ކަމަށް މި ޕާޓީން ދެކޭ ކަމަށާ ޤައުމުގެ އަމަން އަމާންކަން ބެލެހެއްޓުމާއި ކުށް ކުރުން ހުއްޓުވުމުގެ ޤާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި އޮތް ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ އެމްޑީޕީގެ ސަރުކާރުގައި، ޙުކުން ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި ޢަމަލުކޮށްފައިވާނީ އެކަމަށް ޙާއްސަ ޤާނޫނު ކަމުގައިވާ، ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށް ކަމަށެވެ.

އަދި އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަޙްލާގު ރަނގަޅު މީހުނާއި، ރީހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން ފާހަގަކޮށް، ދެންނެވުނު ޤާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން އެމީހުން މިނިވަންކޮށްފައިވާނެ ކަމަށާ އެ މީހުން މިނިވަންކޮށްފައިވާނީ، މިނިވަންކުރާ ދުވަހުން ފެށިގެން 1 އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ޙުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މަޢާފުކުރެވުނު ޙުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައަޅައިފައި ކަމަށެވެ.

"ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ޙުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ލުމުގެ ޤާނޫނީ ފުރުސަތު އޮތް އިރު، މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅި އަދި ބަންދު ނުކުރެވުމުން އެނގެނީ، އެ މީހުންނަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫންކަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަން ކުރުމަކީ މި ޕާޓީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާ އެ ކުށްވެރިން ދޫކޮށްފައިވަނީ، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމުގެ ތުހުމަތު އޮތްއިރު، ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

އަދި ކުށް ކުރުން ހުއްޓުވޭނީ ފުރިހަމައަށް ޤާނޫނު ތަންފީޒްކުރުމާއެކު، ސަރުކާރުން ޤާނޫނީ ޒިންމާ އަދާކޮށްގެން ކަމަށް ވާއިރު، ކުށް ކުރުން ހުއްޓުވުމުގެ ޤާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމަޢުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

advertisement
ހިޔާލު ދެއްވާ!