އޭޝިޔާގެ މެދުތެރޭގައި އޮންނަ، މުސްލިމް މެޖޯރިޓީ ޤައުމެއް ކަމުގައިވާ ތަޖިކިސްތާނުގައި މޫނުބުރުގާ އެޅުމާ ކުޑަކުދިން ޢީދު ފާހަގަކުރުން މަނާކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ތަޖިކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން އިއްޔެ ވަނީ މޫނުބުނރުގާ އެޅުމާ ކުޑަކުދިން، މުސްލިމުންގެ މުޤައްދަސް ދެ ޢީދު ކަމުގައިވާ ފިޠްރު ޢީދު އަދި އަޟުޙާ ޢީދު ފާހަގަކުރުން މަނާކުރުމަށް ޤާނޫނެއް ފާސްކޮށްފައެވެ.
ތަޖިކިސްތާނުގައި ސުކޫލްތަކުގައި، އޮފީސްތަކުގައި އަދި އާންމު ތަންތަނުގައި މޫނުބުރުގާ އެޅުން މަނާކޮށްފައި މިވަނީ "އެކްސްޓްރީމްޒަމް" ނުވަތަ ހައްދު ފަހަނައެޅުމާ ދެކޮޅަށް ހިންގާ ކެމްޕޭނުގެ ދަށުން ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ޤާނޫނު ހަދާ މަޖިލީހުން މިގޮތަށް ފާސްކުރުމާއި ގުޅިގެން ތަޖިކިސްތާނުގައި މޫނުބުރުގާ އެޅި ކަނބަލުން ސުކޫލްތަކާށާ ހަސްފަތާލު އަދި ސަރުކާރުގެ އިދާރާތަކަށް ވަނުމަށް ދަނީ ހުރަސްއަޅަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެގޮތުން ތަޖިކިސްތާނުގެ ޢަބްދުއްރަޙުމާނީ ޖޯމި ކިޔާ ސަރަހައްދުގައި ހުރި ހަސްފަތާލަކަށް މިއަދު ދިޔަ މޫނުބުރުގާ އެޅި ކަނބަލަކަށް މޫނުބުރުގާ ނެގުމަށް މަޖުބޫރު ކުރިކަމަށް މުސްލިމުންގެ ޚަބަރުތައް ގެނެސްދޭ ބައިނަލްއަޤްވާމީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.