ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ސަސްޕެންޑްކުރި ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފުރަތަމަ ރައީސް އަކަށް ބައްސާމް އަދީލް ޖަލީލް ވެ އޭނާ ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.
ފީފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވާ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް ސަސްޕެންޑްކޮށްފައި ވަނީ 9 މަސް ދުވަހަށް ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭގޮތަށެވެ.
މި ބަޔާނުގައިވާގޮތުން ބައްސާމު ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ މަނީ ލޯންޑާ ކުރުމާއި ކޮރަޕްޝަނާއި ޖިނާއި ކުއްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ނެރުނު އަމުރުގެ ދަށުން އެފްއޭއެމް ހައުސް ބަލާ ފާސްކުރުމާއި ގުޅިގެން ކުރި ތަހުގީގުގެ މައްޗަށް ބެލުމަށްފަހުއެވެ.
ބައްސާމު 9 މަސްދުވަހަށް ސަސްޕެންޑް ކުރުމަށް ފީފާ އިން ނިންމާފައިވަނީ ފީފާގެ ކޯޑު އޮފް އެތިކްސްގެ 86 ވަނަ މާއްދާގެ ދަށުން ކަމަށްވެސް ބުނެފައި ވެއެވެ.
އަދީ ފީފާއިން ހިންގި ތަހުގީގުން ނުރަނގަޅު ކަންތައްތަކެއް ހިންގާފައިވާކަން ފާހަގަ ކުރެވޭތީ އެކަންތައް ބެލުމަށް އިތުރަށް ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. މި ތަހުގީގަކީ އެފްއޭއެމްގެ ރައީސްގެ ގޮތުގައި ހުރެ އެހެނިހެން ފަރާތްތަކުން ހަދިޔާ ލިބިފައިވޭތޯ ބެލުމާއި އަދި އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލުމަށް ކުރިއަށް ގެންދާ ތަހުގީގެއް ކަމަށްވެސް ވަނީ ބުނެފައެވެ.
އެފްއޭމްގެ ފައިސާއަށް ހިޔާނާތްތެރި ކަމަށް ބުނާ މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާ އުފުލާފައި ވެއެވެ.
ރާއްޖޭގެ ޕްރޮސެކިޓާ ޖެނެރަލް އޮފީސް (ޕީޖީ)އޮފީހުން ބުނެފައިވާ ގޮތުގައި، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ގާތްގަނޑަކަށް 12.4 މިލިއަން ޑޮލަރު ފީފާއިން އެފްއޭއެމްއަށް އެހީގެ ގޮތުގައި ދީފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 191،208،000.00 އެވެ. ފީފާއިންނާއި ބޭރުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެފްއޭއެމަށް ފައިސާ ޖަމާކުރަނީ ބޭރުފައިސާއިން ކަމުން، އެ އެސޯސިއޭޝަނަށް ލިބޭ ބޭރު ފައިސާ އެކި ފަރާތްތަކަށް ވިއްކައިގެން އެފްއޭއެމްއިން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުސޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެފްއޭއެމްގެ އެކައުންޓުން އެފްއޭއެމްގެ ރައީސް ބައްސާމު އަދީލް ޖަލީލްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި ބޭންކަށް ހުށަހަޅާ ލިޔުންތަކުގައި އެ ފައިސާއަކީ ޑޮލަރު ވިއްކައިގެން ލިބުނު ފައިސާ ކަމުގައި ލިޔެފައިވީނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި މާލީ މުއާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކަށް ކަމަށް ވެސް ބުނެފައިވެއެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޕްރޮޕަޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ހަރަދުތައް ކުރަމުން ގެންދާކަމާއި، އާއިލާގެ ހަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަހުގީގަށް ހޯދިފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު އަދި ނުނިމެއެވެ. ތަހުގީގު ނިމޭ ވަރަކުން ދައުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ބައްސާމްއަކީ އެމްއެމްޕީއާރސީގެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުވެސް އޮތް މީހެކެވެ. އެ މައްސަލަ ވެސް އޮތީ އޭސީސީ ތަހުގީގު މަރުހަލާގައެވެ.
މީގެ ކުރިން ބައްސާމް އަކީ ފީފާގެ އިސްވެރިންނާ ގާތް ގުޅުމެއް ބޭއްވި ރައީސެކެވެ. އެހެންވެ އޭނާ އާ ދެކޮޅަށް މީގެ ކުރިން ފީފާއަށް ހުށަހެޅި އެއްވެސް މައްސަލައެއް ކުރިޔަށް ގޮސްފައި ނުވާކަން ފާހަގަ ކުރެވެއެވެ.