މާތްﷲ ޙަރާމްކުރައްވައިފައިވާ ކަންކަން ކުރާ މީހާއަށް ވުރެ، އެކަންކަން ފަތުރާ މީހާގެ ނުބައިކަން ބޮޑުވުން ވެސް އެކަށީގެންވާ ކަމަށް ޢިލްމުވެރިޔާ ޝައިޚް ޝަފީޢު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިސްލާމް ދީނުގައި އަންނަ މާތް ޢީދު ތަކުގައި މާތްﷲ ޙަރާމްކުރައްވައިފައިވާ ކަންކަން ޕްރޮމޯޓު ނުކުރުމަށް ނޫސްވެރިންގެ ކިބައިން ޝައިޚް ޝަފީޢު ވަނީ އެދިވަޑައިގެންފަ އެވެ.
ނިމިދިޔަ އަޟުޙާ ޢީދުގައި ރާއްޖޭގެ އެކި ރަށްރަށުގައި އަންހެނުންނާއި ފިރިހެނުން މަސްހުނި ވެގެން ބޭއްވި ހަރަކާތްތަކުގެ ޚަބަރު ގިނަ މީޑިއާތަކުން ވަނީ ލައިވްކޮށް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. މިކަންކަން އާންމުންނަށް ފަތުރާ ނޫސްތައްވެސް ހިމެނޭނީ އެކަންކަން ކުރާ މީހުންނާ އެއް "ލެވަލް" އެއްގައިތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް ޝަފީޢު ވިދާޅުވީ "ލެވެލް ކިޔާކަށް ނޭނގޭ. ފަހަރެއްގައި ފަތުރާ މީހާގެ ލެވެލް މާ ގޯސް ވެސް ވެދާނެ. ކޮންމެ ގޮތަކުން ބެލިޔަސް މި ކަންކަން ޕްރޮމޯޓުކުރުމަކީ ފާޙިޝްކަންކަން ޕްރޮމޯޓުކުރުމުގެ ތެރެއަށް ވަންނާނެ ކަމެއް ކަމަށް ފެންނަނީ. والله أعلم!" ޝައިޚް ވިދާޅުވިއެވެ.
އިސްލާމްދީނުގައި މިފަދަ ކަންކަމާއި ގުޅިގެން ބަޔާންކުރައްވާފައިވާ ގޮތް ޝައިޚް ވަނީ ހާމަކޮށްދެއްވައިފައެވެ.
މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައި ވަނީ އަންނަނިވި ފަދައިންނެވެ.
" ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ." (ނޫރު ސޫރަތް: 19)
ޝައިޚް ވަނީ ހުރިހާ ނޫސްވެރިންނަށް ނަސޭހަތް ދެއްވައިފައެވެ.
"އެހެންކަމުން ހުރިހާ ނޫސްވެރީންނަށް ވެސް ދޭން އޮތް ނަސޭހަތަކީ މާތް ﷲ އަށް ބިރުވެތިވާށޭއެވެ. މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަން ޕްރޮމޯޓު ނުކުރާށޭއެވެ." ޝައިޚް ވިދާޅުވިއެވެ.
ރާއްޖޭގައި އިޙުޒަމާނުއްސުރެ އިސްލާމީ ޢީދުތަކުގައި ދަނީ އިސްލާމްދީނާ ފުށުއަރާ ކަންކަން އަންހެނުންނާއި ފިރިހެން މަސްހުނިވެ ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.
އެހެން އަހަރުކާއި ޚިލާފަށް މިއަހަރު ސަރުކާރުން ވަނީ އިސްލާމީ އަޚްލާގުގެ ތެރެއިން ޢީދުގައި އުފާ ފާޅުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ އެފަދަ ކަންކަން ޢީދުގައި ނުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.