ޔޯގާ ޑޭއަށް މިވީ ކިހިނެއްތޯ ޝައިޚް ނިޝާން ސުވާލު ކުރައްވައިފި

މިއަހަރުގެ ޔޯގާޑޭއަށް މިވީ ކިހިނެއްތޯ ވިދާޅުވެ އައްޝައިޚް އާދަމް ނިޝާން ސުވާލު އުފައްދައިފިއެވެ.

އައްޝައިޚް އާދަމް ނިޝާން އިއްޔެ އެބޭފުޅާގެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ 21 ޖޫންގައިކަމަށެވެ. ނަމަވެސް ކުއްލިއަކަށް 20 ޖޫންގައި އިންޑިއާ އެމްބަސީއާއި ކަލްޗަރަލް ސެންޓަރ އިން، ވަރަށް ސިއްރު ސިއްރުން އެއް ދުވަސް ކުރިން، އިންޑިއާ އެމްބަސީ ތެރޭގައި މިކުޅިގަނޑު ބާއްވާ ނިންމާލާ، އޭގެ ފޮޓޯތައް ޢާއްމު މިކުރީ ކީއްވެގެންތޯ ސުވާލު ކުރައްވާފައިވެއެވެ.
"މީގެން އެނގިގެން ދަނީ، 2022ގައި އެމްޑީޕީ ސަރުކާރުން ރަސްމީ ޢިއްޒަތާއި ޝަރަފުގައި، ރަސްމީ އެންމެ ބޮޑެތި ޙަރަކާތްތައް ބާއްވާ ގަލޮޅު ދަނޑުގައި ހިންދީންގެ މިދީނީ އަޅުކަން ކުރަން އުޅުނުގޮތަށް އިޝްތިހާރުކޮށް އިޢުލާނުކޮށްގެން، އަދި ކިއެއް ޢާއްމު އެއްވެސް ތަނެއްގައިވެސް ދެން މިޝިރުކީ ޢަމަލު ނުބޭއްވޭނެކަން: ޝައިޚް ވިދާޅުވެފައިވެއެވެ.
އެމްޑީޕީ ސަރުކާރުގައި ގަލޮޅުދަންޑުގައި ޔޯގާޑޭ ފާހަގަކުރަމުންދިޔަ ވަގުތު އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެތަނަށް ދިޔަ މީހުންގެ ތެރޭގައި ޝައިޚް އާދަމް ނިޝާން ހިމެނެއެވެ. އަދި އެ މައްސަލައިގަ ކުރީ ސަރުކާރުން ޝައިޚް ހައްޔަރުވެސް ކޮށްފައިވެއެވެ.
"މިސަރުކާރުން އެމީހުންނަށް އެފަދަ އެއްވެސް ފުރުޞަތެއް ނުދޭނެކަމަށް އުއްމީދު ކުރަން. އެމްބަސީ ތެރޭގައި އެމީހުން މިކުޅިގަނޑު ކުޅެނީ އެމީހުނަށް ލިބޭ ޑިޕްލޮމެޓިކް އިމުއިނިޓީގެ ބާރުން. އެއްވެސް ޙާލެއްގައި އެތަނުގެ އެތެރޭގައިވެސް އެކަން ކުރުމަކީ އަޅުގަނޑުމެން ރުހި ޤަބޫލުވާނޭ ކަމެއް ނޫން". ޝައިޚް އާދަމް ނިޝާން އިއްޔެ ލިޔުއްވާފައިވާ ނޯޓުގައި ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ޔޯގާޑޭ ވަރަށް ސިއްރުވެރި ގޮތެއްގައި އިންޑިއާގެ އެމްބަސީގެ ތެރޭގައި ކުރިއަށް ގެންގޮސް އޭގެ ފޮޓޯތައް އެ އެމްބަސީއިންވަނީ ސޯޝަ؛ްމީޑިއާގައި ހިއްސާކޮށްފައެވެ. އޭގެ ސަބަބުން މިހާރުގެ ސަރުކާރާ ދެކޮޅު މީހުންގެ ފާޑުކިޔުންތައް އައުމާގުޅިގެން ފާޑުކިޔާ ފަރާތްތަކަށް އަމާޒުކޮށް ޝައިޚް ނިޝާން ވިދާޅުވެފައިވަނީ މިކަން ބާއްވާކަން ކުރިން އެނގި ތިބި ނަމަ، އެވާހަކަ ހިއްސާވެސް ކޮށްނުލައި ތިބެ، އެކަންވެ ނިމުމުން މިހާރު، ކީއްވެހޭ ހުއްޓުވަން ނުނިކުތީ ކިޔުމުގެ ބޭނުމެއް އެބައޮތްތޯ ސުވާކުރައްވާފައެވެ.
"މިކަމާއި ދެކޮޅަށް މިކަން ހުއްޓުވަން ނުނިކުތީ ކީއްވެހޭ ބުނާ ފަރާތްތަކަށް ބުނަމެވެ. ތިޔަބޭފުޅުންނަށް މިކަން ބާއްވާކަން ކުރިން އެނގި ތިބި ނަމަ، އެވާހަކަ ކުޑަމިނުން އަޅުގަނޑުމެނާއި ހިއްސާވެސް ކޮށްނުލައި ތިބެ، އެކަންވެ ނިމުމުން މިހާރު، ކީއްވެހޭ ހުއްޓުވަން ނުނިކުތީ ކިޔުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ޝިރުކުގެ ޢަމަލުތައް ފާޅުގައި ކުރުމަށް އަދިވެސް އެއްވެސް ބަޔަކު ފޫގަޅައިގެން ނިކުމެއްޖެ ނަމަ އެކަމާ ދެކޮޅަށް އަޅުގަނޑުމެން ހަނު ނުތިބޭނަމެވެ. އަދި އުޙުދު ހަނގުރާމައިގެ ދުވަހު މައްކާގެ މުޝްރިކުންގެ ޝިރުކުގެ ގޮވުންތަކަށް ރައްދު ދިނުމަށް ކީރިތި ނަބިއްޔާ އެންގެވިގޮތަށް، އެކަމާ ދެކޮޅަށް އަޑު އުފުލުމަށް އަޅުގަނޑުމެން އަދިވެސް އިންޝާﷲ ތެދުވާނަމެވެ" ޝައިޚް ގެ ނޯޓު ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!