ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ، އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މައްޗަށް މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ އިސްލާމްދީނަކީ ހުރިހައި ފުރިހަމަކަމަކާއި ރިވެތިކަމެއް އެކުލެވިގެންވާ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމް ކަމަށާ މަތިވެރި އަޚުލާޤުގެ ހުރިހައި ސިފަޔަކަށް އިސްލާމްދީން މަގުދައްކާ ކަމަށާ އެގޮތުން ލަދުވެތިކަމާ ޢިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފަ ކަމަށެވެ.
ދިވެހިބަހުގެ ރަދީފުގައި ލަދުވެތިކަން މާނަކޮށްފައިވަނީ އެއީ، އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުން ނުވަތަ އެހެން މީހުންނަށް ފާޅުކުރާން ނުކެރޭ ވަކި ސިފައެއް ވަކި ކަމެއް އެހެން މީހުންނަށް ފެނިދާނެތީ ޖެހިލުންވުން ކަމަށް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ. "ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ލަދުވެތިކަމަކީ، އެންމެހައި ނުބައިކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ، އަދި ޙައްޤުގެ ވެރިޔާއަށް އޭނާގެ ޙައްޤު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫޙު އުފައްދައިދޭ" ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ލަދުވެތިކަމާބެހޭ ގޮތުން ރަސޫލާ ޞ.ޢ.ވ. ޙަދީސް ކުރައްވަނީ "ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ." އަދި "ހެޔޮކަމާއިގެން މެނުވީ ލަދުވެތިކަން ނާންނާތެވެ". މިފަދައިން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ އެ މީހެއްގެ ކިބާގައި ލަދުވެތިކަން ހުރެއްޖެ މީހާ، ފާޖިރުކަމާއި، މާތްﷲ ޙަރާމްކުރައްވައިފައިވާ ކަންތައްތަކާ ދެމެދު ހުރަހެއް ޤާއިމުކޮށްފި ކަމަށާ އެންމެހައި ނޭއްގާނީ ޢަމަލުތަކުން އެ މީހަކު ދުރުވާނެ ކަމަށާ އަދި އެ ފަދަ މީހަކަށް، މަކާރިމުލްއަޚްލާޤުގެ ރިވެތި ފޭރާމުން ޒީނަތްތެރިވެވޭނެ ކަމަށެވެ.
ލަތުވެތިކަން އެ މީހެއްގެ ކިބައިގައި ހުރެއްޖެ މީހާ، ޢިފަތްތެރިކަން އިސްކުރާނެ ކަމަށާ އޭނާގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފްސުގެ އެދުންތައް މައިތިރިކުރާނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މަޙްޝަރު ދުވަހުގައި، މާތް ﷲދެއްވާ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި، އެކަލާނގެ އެ މީހަކަށް ހިޔާވަހިކަން ދެއްވާނެ ހަތް މީހުންގެ ތެރޭގައި، ދުނިޔެ މަތީގައި ޢިއްފަތްތެރިކަން އިސްކުޅަމީހާ ހިމެނޭކަން ބަޔާންކުރައްވައި ކީރިތި ރަސޫލުﷲ ޞ.ޢ.ވ. ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ "ހަސަބާއި މަޤާމުގެ ގޮތުންނާއި، ރީތިކަމުގެ ގޮތުން އަރައި ހުރި އަންހެނަކު، ފާޙިޝްކަމަކަށް ގޮވައިލުމުން އަހުރެން ﷲއަށް ބިރުވެތިވަމޭ ބުނެ އެ ކަމުން ދުރުހެލިވި މީހާއެވެ." މިފަދައިން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވާ ކަމަށް ޚުޠުބާގައި ވިދާޅުވީ "ހަމަކަށަވަރުން، إيـْمَانވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب އެ މީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ." މިފަދައިންނެވެ.
ނަމަވެސް ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުން ކަމަށާ ހެދުން އެޅުމާއި، މުޢާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެނުން ކަމަށާ މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ޙަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުގައި ކަމަށާ އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.