ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓަކީ ބޮޑު ބަޖެޓެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.
ޝާމިލް މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ޝާމިލް ވިދާޅުވީ ބަޖެޓަކީ ބޮޑު ބަޖެޓެއް ކަމަށް ޤަބޫލު ކުރެއްވި ނަމަވެސް ބަޖެޓުން ޚަރަދު ކުރެވޭ ކަންކަމަށް ބަލާއިރު، ކޮމިޝަނުގެ ބަޖެޓުގެ 80 އިންސައްތަ ދަނީ މޫސަރަ އާއި ކުލި އަދި އޮފީހުގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ޚަރަދުތަކަށް ކަމަށެވެ.
އަދި ދައުލަތުގެ ބަޖެޓަށް ބާރޯސާނުވެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ
ހަމަ އެހެންމެ ޤާނޫނުން އޭސީސީގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންކަން ތަންފީޒުކުރަން އޮންނަނީ ކުޑަ ބަޖެޓެއްކަންވެސް ޝާމިލް ވަނީ ފާހަގަކުރައްވާފައެވެ.
ޝާމިލް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންވެސްޓިގޭޝަނަށް ކުރަން ޖެހޭ ދަތުރުތަކާއި އިންވެސްޓިގޭޝަންގައި ކުރަން ޖެހޭ ކަންކަމާއި އިންވެސްޓިގޭޝަން ކުރިއެރުވުމަށް ހޯދަން ޖެހޭ ތަކެއްޗާއި ދިރާސާކުރުމާއި ޕޮލިސީ މޭކިންގް އާއި އެނޫންވެސް ދައުލަތުގެ ތެރޭ ހިންގަން ޖެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ކިޔަވައި ދިނުންފަދަ ހުރިހާ ކަމެއް ކުރަން އޮތީ މުޅި ބަޖެޓުގެ 20 އިންސައްތަ ކަމަށެވެ.
އަދި މި ޙާލަތުގައިވެސް ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް މާލީ މިނިވަންކަން ހޯދުމަށް ދައުލަތުގެ މުޢައްސަސާތަކާއި ގުޅިގެން އަބަދުވެސް މަސައްކަތް ކުރެވޭ ކަމަށް ޝާމިލް ވިދާޅުވިއެވެ.
އެގޮތުން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބައިނައަޤްވާމީ މުޢާހަދާގައި ރާއްޖެ ބައިވެރިވެފައިވާއިރު، ކުރަން ޖެހޭ މަސައްކަތް ކުރުމަށް ސަރުކާރުތަކާއި ގުޅިގެން ކުރެވޭ ކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.