ނާޗަރަންގީއާ ނުލައި ޢީދުގެ ހަރަކާތްތައް ހިންގި ޓީމަށް މަރުހަބާ އާއި ޝުކުރު ދަންނަވަން: ޝެއިހް އަނީލް

ނާޗަރަންގީއާ ނުލައި ވެސް އީދު ވަރަށް ފޯރީގައި ފާހަގަ ކުރެވިދާނެކަން ދައްކައިދިނީތީ، "އައްޑޫ އީދު ސަމާ 1445″ ގެ ހަރަކާތްތައް ހިންގި ޓީމަށް މަރުހަބާ އާއި ޝުކުރު ދަންނަވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝައިހް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޝައިހު ވިދާޅުވީ ނާޗަރަންގީއާ ނުލައި ވެސް އީދު ފާހަގަ ކުރެވިދާނެކަން މިފަހަރު އައްޑޫ މަރަދޫގައި ހިންގި އީދު ހަރަކާތްތަކުން ދައްކުވައިދީފި ކަމަށެވެ.

އަދި މަރަދޫ އަކީ ކޮމިއުނިޓީއާ ގުޅޭ ހިސާބުން ސިޔާސީ ފިކުރު އެއްފަރާތް ކުރުމަށް ފަހު އެއްކޮށް ގުޅިގެން މަސައްކަތް ކުރުމުގެ ނަމޫނާއެއް ކަމަށްވެސް ޝައިހު ވަނީ ފާހަގަކުރައްވާފައެވެ.

ޝައިހު ވަނީ އީދު ހަރަކާތް ތަކުގައި އިތުރަށް ރަނގަޅުކޮށް ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން ހުރިކަން ފާހަގަކުރައްވާ އެކަން ފަހުން ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން ޢީދު ޚުޠުބާގައިވެސް މިކަމާއިބެހޭ ގޮތުން އަލިއަޅުވާލައްވާ ވިދާޅުވެފައިވަނީ ނަބިއްޔާ ޞ.ޢ.ވ. ގެ  އިރުޝާދުގައިވާ ގޮތަށް، އަހަރެމެން މުސްލިމުން ޢީދުއުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާންޖެހޭ ކަމަށާއި ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހޭ ކަމަށެވެ. އަދި އަހަރެމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވައިފައިވާ ބަޔެއް ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!