މާފުށީ ޖަލަށް ފޯނު ނުވެއްދޭގޮތައް ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފި

މާފުށީ ޖަލަށް ފޯނު ނުވެއްދޭނެ ގޮތް ހެދުމަށްޓަކައި އެތަނުގައި ދެ މެޓަލް ޑިޓެކްޓަރ ހަރުކޮށްފި ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ޕީއެސްއެމްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި ވިދާޅުވީ މާފުށި ޖަލުގައި މިދިޔަ ހަފްތާގައި ދެ މެޓަލް ޑިޓެކްޓަރ ހަރުކުރެވިފައިވާ ކަމަށެވެ.

އަދި ވަރަށް އަވަހަށް ބޮޑީ ސްކޭން މެޝިނެއްވެސް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިހުސާން ވިދާޅވުިއެވެ.

އިހުސާން ވިދާޅުވީ ކޮންމެ ގޮޅިއެއްގައި އެވްރޭޖްކޮށް ފޯނާއި މަސްތުވާތަކެތި ފެންނަ ކަމަށާއި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ޖަލުގައި އަޅަމުންދާ ކަމަށެވެ.

އިހުސާން ވަނީ ސްކޭމް ކޯލްތައް މައްސަލަ ފާހަގަކުރައްވާ އެ މައްސަލަ ހައްލު ކުރުމަށް ބޭންކާއެކު ރަނގަޅު އެއްބަސްވުމެއް ހަދައިގެން ފުލުހުން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން މިހާރު ސްކޭމްތަކަށް ހާއްސަ ސެންޓަރެއް ފުލުހުންގެ ސްޓްރެޓިކް ތެރޭގައި ވަނީ ގާއިމްކުރެވިފައި". ވަޒީރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ފައިސާ ފޭރިގަންނަ ހާލަތުގައި އެ ފައިސާ ރިކަވާ ކުރެވޭނެ މަގު ހޯދުމަށް ޕްރޮޓޮކޯލްސްތައްވެސް ހަދަމުންދާ ކަމަށެވެ.

މީގެ ތިން މަސްކުރިން މަކަރާއި ހީލަތުން ފަސް ލައްކަ ރުފިޔާ އަތުލި މައްސަލައެއްގެ ތަހުގީގުގެ ތެރެއިން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މޯބައިލް ފޯނުވަނީ އަތުލައިގެންފައެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައި ފާސްކޮޮށް 22 މޯބައިލް ފޯނާއި 10 ޗާޖަރާއި 10 ހެޑްސެޓް/އެއާޕޮޑާއި ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!