ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރޭގައި، 30 އަހަރުވެފައިވާ ރަށްތަށްވެސް އެބަހުރިކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިރަށްތައް ފަތުރުވެރިކަމަށް އަވަސް ފުރުޞަތެއްގައި ނެރުމަށް އިކޮނޮމިކް ކައުންސިލަށް ކަރުދާހެއް ހުށަހަޅާ، 2 ގޮތެއް ފާސްކޮށްފައިވާނެ ކަމަށެވެ.
އަދި އޭގެ ތެރެއިން އެއްގޮތަކީ އެއްވެސް ވަރަކަށް މަސައްކަތް ފަށާފައިނުވާ ރަށްތައް އެއްވެސް ޝަރުތަކާއި ނުލާ ދައުލަތަށް އެރަށް ދޫކޮށްލުން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
އެރަށް ދޫކޮށްލުމުން އެބޭފުޅުން ދައުލަތަށް ދައްކަންޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ، ފިނޭންސް އާއި މީރާ އާއި މަޝްވަރާކޮށްގެން ލުއިގޮތްތަކެއް ހަމަޖައްސާދޭވޭނެކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ފައިސަލް ވިދާޅުވީ މަސައްކަތް ކޮންމެވެސް ވަރަކަށް ފަށާފައި އަދި އެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައި ހުރި ރަށްތަކާއި މެދުވެސް އަމަލުކުރާނެ ގޮތެއް ކައުންސިލުން މިހާރުވަނީ ފާސްކޮށްފައި ކަމަށެވެ.
އެގޮތުން އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމުގައި އެހީތެރިވުމާއި، އެހެން ފަރާތަކަށް އެ އިންވެސްޓުމަންޓު ވިއްކުމަށްވެސް އެހީތެރިވެދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތް ޤާނޫނަށް އިސްލާޙު ގެނެސްގެން ކުރިއަށްގެންދާނެ ކަމަށާއި މިގޮތަށް ފަތުރުވެރިކަމަށް ދޫކުރާ ރަށްރަށް ނުހުޅުވި ގިނަ ދުވަސްވުމަކީ އޭގެ ސަބަބުން ފަތުރުވެރިކަމުން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުންނަ ކަމެއް ކަމަށެވެ.