ސޯމާލިއާ ތިން މީހުން ތިބި ޑިންގީއެއް ނޫނު އަތޮޅުގެ ރަށަކަށް ލައްގައިފިއެވެ.
އެމީހުން ލެއްގީ ނ އަތޮޅުގައި އޮންނަ ވަވަތި ކިޔާ ފަޅު ރަށަކަށެވެ. މި ކަމާއި ގުޅޭގޮތުން ފުލުހުން ބުނީ، ވަވަތިއަށް ޑިންގީއެއް ލައްގާފައިވާ ކަމަށާއި އޭގައި ސޯމާލިއާ އަށް ނިސްބަތްވާ ތިން ފިރިހެނުން ތިބި ކަމަށެވެ.
މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް، އެ ތިން މީހުންގެ ފޮޓޯ އާއި އެމީހުން ދަތުރުކުރި ޑިންގީ ގެ ފޮޓޯ ފުލުހުން ވަނީ އާއްމުކޮށްފައެވެ.
އާންމުވެފައިވާ ފޮޓޯއިން ފެނިގެންދަނީ ސޯމާލިއާއަށް ނިސްބަތްވާ ކަމަށް ބެލެވޭ ތިން ފިރިހެނަކު ވަވަތީގައި ހުރި ބެންޗެއްގައި އިށީދެހެން ތިބޭ މަންޒަރެވެ.
ވަވަތިއަކީ ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓާއި ކައިރިން އޮންނަ ފަޅު ރަށެކެވެ. މި ރަށަކީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ.