އިސްލާމްދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފޭކް އެކައުންޓެއް ކަމަށް ބެލެވޭ އެ އެކައުންޓުން އެކްސްގައި ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ގިނަ އަދަދެއްގެ ޕޯސްޓަކެއް ކޮށްފައެވެ. އެ އެކައުންޓުން ކުރި ޓްވީޓުގައި ވަނީ ތަވާފް ކުރުމަށް ނިސްބަތްކޮށް، ދީނަށް ހަޖޫ ޖަހައި، އެކަން ކުރިޔަސް ޔޯގާ ހަރާމް ކަމަށް ބުނެފައެވެ.
އެ ޕޯސްޓާއި ގުޅިގެން ފުލުހުން ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި އާންމު ކޮށްފައިވާ ޕޯސްޓް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ޕޯސްޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ބަލަމުންދާއިރު އެ އެކައުންޓުން ދީނަށް ފުރައްސާރަކޮށް އެކި ކަހަލަ ޕޯސްޓްތައް ވަރަށް ގިނައިން ކޮށްފައި ހުރެއެވެ.
ނިމިދިޔަ ބުރާސްފަތި ދުވަހަކީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ކަމަށްވިއިރު އިންޑިއާ އެމްބަސީގައި ދިވެހީން ބައިވެރިކޮށްގެން ޔޯގާގެ ކަސްރަތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާތީ ބައެއް ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
ހަށިގަނޑު ދުޅަހެޔޮ ކުރުމަށް ކަސްރަތެއްގެ ގޮތުގައި ބައެއް ދިވެހީން ޔޯގާގެ ހަރަކާތްތައް ކުރި ނަމަވެސް އެކަން ނުކުރުމަށް ދީނީ އިލްމުވެރިން ބާރުއަޅުއްވައެވެ.