ބްރިޖް ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓުނު މީހަކު ނިޔާވެއްޖެ

ސިނަމާލެ ބްރިޖް ހައިވޭގެ މާލެ އިން ހުޅުމާލެ އަށް ދާ ފަޅިން ދުއްވަމުންދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، އަނިޔާވި މީހަކު ނިޔާވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހައިވޭގެ މާލެ އިން ހުޅުމާލެ އަށް ދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހި، ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 6:40 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވީ ސްރީލަންކާ އަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށާއި، އެމީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭޑީކޭ އަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އެމީހާ ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން އަންނަނީ މިހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

advertisement
ހިޔާލު ދެއްވާ!