ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ވަމުންދާ ތައްޔާރީތައް ޕާޓީގެ ލީޑަރާ ޗެއާޕާސަން ބައްލަވާލެއްވުން. ޖޫން 2024

ވިއްސާރަވުމުގެ ސަބަބުން ޕީއެންސީ ޖަގަހަ ހުޅުވުން ފަސްކޮށްފި!

ވިއްސާރަވުމުގެ ސަބަބުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ހުޅުވުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.

ހ. ވެޔޮވިލާގައި ތައްޔާރުކުރި ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިރޭ 8:30 ގައެވެ. އެހެން ނަމަވެސް މިއަދުގެ ހެނދުނުން ފެށިގެން މާލެއަށް ވިއްސާރަ ކުރަމުން ދާތީ، ޖަލްސާ މާދަމާރެއަށް ފަސް ކުރީކަމަށް ޕީއެންސީން މައުލޫމާތު ދެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އައު ޖަގަހައަކީ، އެމްޑީޕީގެ ކުރީގެ މައި ހަރުގެ އެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި މީގެ ކުރިން ހިންގަމުން އައި އެމްޑީޕީ ހަރުގެ، ޑިމޮކްރެޓްސް ބޭނުން ކުރަމުން އައުމަށް ފަހު އެ ޕާޓީން ތަން ހުސްކުރީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު އެވެ. އެ އިމާރާތް ޕީއެންސީން ކުއްޔަށް ނަގައި، ހަރުގެ ހުޅުވުމުގެ މަސައްކަތް ކުރަމުން ދާތާ ގިނަ ދުވަސް ވަނީވެފައެވެ.

ޖަގަހަ ހުޅުވައިދެއްވާނީ ޕީއެންސީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާގައި ބައެއް ފަރާތްތައް ޕީއެންސީއާ ގުޅިވަޑައިގަންނަވާނެއެވެ.

ޕީއެންސީގެ ލީޑަރ، ޑރ. މުޙައްމަދު މުޢިއްޒު، ޕީއެންސީގެ ޗެއަރޕާސަން ޢަބްދުލްރަޙީމް ޢަބްދުﷲގެ އިތުރުން ޕާޓީގެ އިސްފަރާތްތަކުން ވަނީ ޖަގަހަ ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިއްޔެ އެ ޖަގަހައަށް ވަޑައިގެންފައިކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!