ޖަލީލު ވަކިވެގެން އެދިޔައީ ހަނިމާދޫގެ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.
ހދ.ހަނިމާދޫ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް ފިރިހެނަކު ފެނިފައިވާ ކަމަށާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ 64 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
އަޙުމަދު ޖަލީލު މޫސާ މ. ދޯޅަނބުގެ އަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ވެސް ޚިދުމަތްތެރިއެކެވެ. ޖަލީލު ނިޔާވުމާއި ގުޅިގެން އެ ކުލަބުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޖަލީލަކީ ނިއުރޭޑިއަންޓަށް އެތަކެއް ކުޅިވަރުގައި ކުޅެ
ޚިދުމަތް ކޮށްދީފައިވާ ފަރާތެއް ކަމަށާ ވަކިން ޚާއްސަކޮށް ފުޓުބޯޅައިގައި ޚިދުމަތް ކޮށްދީފައިވާ ކަމަށެވެ. ޖަލީލު ނިޔާވި ޚަބަރު އެހީ ކުއްލި ހައިރާންކަމަކާއިއެކުގައި ކަމަށެވެ. އަދި އެ ޕޯސްޓުގައި ވަނީ ޖަލީލަށް ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރާ ކަމަށް ބުނެފައެވެ.
ޖަލީލު ނިޔާވުމާއި ގުޅިގެން ހަނިމާދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޖައްލެއަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ގިނަބަޔަކު ދަންނަ ހިތްހެޔޮ އޯގާތެރި ސުލްހައަށް ލޯބިކުރާ ކުޅިވަރުގެ ރޮގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެއް ކަމަށާ އަދި އުމުރުގެ ބާކީދުވަސްތައް ގުނަމުންދިޔައީ ހަނިމާދޫގައި ކަމަށެވެ.
"ހަނިމާދޫގައިހުންނެވި ކޮއްމެދުވަހަކުވެސް ޖައްލެގެ ހިދުމަތް މި ފަސްގަނޑަށްވެސް ލިބެމުންދިޔައެވެ. އެއްމެ ފަހުވަގުތުވެސް ވަކިވެގެންއެދިޔައީ ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށް ކުރިއަށްގެންދާ އީދު ހަރަކާތްތައް ހިންގުމުގެ އިސްސަފުގައި އިއްޔެ ކުޅެވުނު ވާދެމުން މުބާރާތުގެ ފައިނަލްމެޖްގެ އެއްމެއިސް ފަރާތަކަށް ހުރެއެވެ." ކައުންސިލުން ބުނެފައިވެއެވެ.
ހަނިމާދޫ ކައުންސިލުން ބުނީ މީގެ ކުރިންވެސް ކޮއްމެ ޖަމިއްޔާއަކުން އަދި ކައުންސިލުން ގޮވާލި ނަމަވެސް އެއްވެސް އުޒުރަކާނުލައި އާބަސްބުނެ އިސްސަފަށް ނިކުންނަ އެކަކަށް ޖައްލެވާނެކަމީ އެރަށުގެ އެއްވެސް މީހަކު ދެބަސްވާނެ ކަމެއްނޫން ކަމަށެވެ.
އަދި ހަނިމާދޫގެ ތާރީޚުގައިވެސް މިއަދަކީ ހަނިމާދޫއަށް އެއްމެ ހިތާމަވެރި އެއްދުވަހަށް ވާނެކަމަށާ ލިޔަން ވެއްޖެނަމަ ޖަލީލްގެ ޚިދުމަތްތައް ލިޔާވަރަށް ދެލިހުރި ގަލަމެއް ނޯންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ޖަލީލްގެ އިޖްތިމާއީ ހިދުމަތުން އެއްމެފަހުން ކޮށްދެއްވި ޚިދުމަތަކީ 21 ޖޫން 2024 ގައި ހަނިމާދޫގައި ބޭއްވި ވާދެމުމުގެ މުބާރާތް އިސްކޮށް ހުންނެވުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކައުންސިލްގެ ބަޔާނުގައި ވަނީ ޖަލީލުގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުޢާކުރާ ކަމަށް ބުނެފައިވެއެވެ.
ސިއްޚީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާއިރު، ފުލުހުން ބުނީ މި މަރާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޖަލީލުގެ ޖަނާޒާ މިރޭގެ އިޝާނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައި ވަނީ ބާއްވައިފައެވެ.