ދަރިން އުނގެނުމަށް ލޯބި ޖެއްސުމުގެ ގޮތުން ގޭތެރެއާއި އެކުދިން އުޅޭ މާޙައުލަށްވެސް އެކި ބަދަލުތައް ގެންނަން ޖެހެއެވެ. އަދި އުނގެނުމަށް ޝައުޤުވެރިކަން އުފެއްދުމަށް ތަފާތު އުފެއްދުންތެރި މަޖާ އުކުޅުތައް ގޭތެރޭގައިވެސް ބޭނުންކުރުމަކީ އެކުދިން އެކަމަށް ހިތްޖެހުމަށް މެދުވެރިވާ ކަމެކެވެ. ތިރީގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ނިޢުމާ މިސް މިކަމަށް ރިޢާޔަތްކޮށް ހިއްސާކޮށްފައިވާ މުޙިންމު ނުކުތާތަކެކެވެ.
– އުނގެނުމުގެ މައިގަނޑު ބޭނުން އެކުދިންނަށް އޮޅުން ފިލުވައިދީ އަމާޒެއް ކަނޑައަޅާށެވެ. ބޮޑުވެގެން ކުރަން ބޭނުންވާ ކަމަކީ ކޮބައިތޯ ބަލައި ހޯދާށެވެ. މިސާލަކަށް ވާން ބޭނުންވަނީ ޑޮކްޓަރަކަށް، ޓީޗަރަކަށް، އިންޖިނޭރަކަށް، އާރކިޓެކްޓަކަށް ނުވަތަ ކުރަން ބޭނުންވާ މަސައްކަތެއް އަހާށެވެ.
-ކިޔަވަން އިށީނދެ އިންނާނެ ހާއްސަތަނެއް ކަނޑައެޅުން: އެތަނަކީ ފަސޭހަކަމާއެކު ކިޔަވަން އިށީނދެ އިދެވޭ ހިތްފަސޭހަ މާހައުލަކަށް ހެދުމަކީ މުހިންމު ކަމެކެވެ. ގަލަން، ފޮތް، ފަންސުރު، ކަރުދާސް، ނުވަތަ ލެޕްޓޮޕް/ޓެބްލެޓް ފަދަ ވަސީލަތްތައް ކައިރީގައި ފަސޭހައިން ލިބޭނެހެން ތަން ތަރުތީބުކޮށް ބަހައްޓާށެވެ. އަދި ބެލެނިވެރިޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ކުއްޖާއަށް ކަށަވަރުކޮށްދީ ބައެއް ފަހަރު ގާތުގައި މަޑުކޮށްލުމަކީ އެދެވޭ ކަމެކެވެ.
– ކިޔަވަން އިށީނުމުގެ ކުރިން ބަނޑުހައިވެފަ ހުރިނަމަ ކާންދިނުން: ސިކުނޑިއަކީ ވެސް ކާނާ ބޭނުންވާ އެއްޗެކެވެ. އުނގެނުމުގެ ތެރޭގައި ތަފާތު ވިސްނުންތައް ބޭނުންކުރަން ޖެހެއެވެ. ވީމާ ސިކުނޑި ވެސް ވަރުބަލި ވެދާނެއެވެ. އަދި ކިޔަވަން އިށީނދެ އިނދެގެންވެސް ކާލެވޭނެ ކަހަލަ ސިއްޙަތަށް ފައިދާހުރި ލުއިކާނާ އަތްޖެހޭ ހިސާބުގައި ބެހެއްޓިދާނެއެވެ. ސިކުނޑިއަށް ފައިދާކުރާ ކަހަލަ ނަޓްސް ނުވަތަ މޭވާ ކޮށާލާފައި ބެހެއްޓިދާނެއެވެ. ޖަންކު ފުޑްސް އަދި ހަކުރު ގިނައިން އެކުލެވޭ މާއްދާތައް ނުހިމަނާށެވެ.
– ކޮންމެ ދުވަހަކުވެސް އެދަސްކުރި ފިލާވަޅެއް/ ފިލާވަޅުތައް ބެލެނިވެރިޔާއަށް ކިޔައިދިނުން: ނުވަތަ ޓީޗަރަކު އެ މައުލޫމާތު ދަރިވަރުންނަށް ކިޔައިދޭގޮތަށް މަންމަ ނުވަތަ ބައްޕައަށް އެފިލާވަޅުތައް ކިޔަވައިދޭހެން ދަރިފުޅު ލައްވާ މުދައްރިސެއްގެ ރޯލުކުޅުވިދާނެއެވެ. ޕަވަރަ ޕޮއިންޓް ހަދާ ޕްރެޒެންޓޭޝަން ހުށަހަޅަންވެސް ހަވާލުކުރެވިދާނެއެވެ.
– ދަސްކުރާ ފިލާވަޅުތައް އެކުދިން ދަސްކުރި ކަމަށްވާނީ އެއުނގެނުނު ކަމުގެ ހެކިތައް ބެލެނިވެރިޔާއަށް ފެންނަން ހުރުމުންނެވެ.މިސާލަކަށް، ދަސްކުރި ބައިތައް ޑައިރީގައި ނުވަތަ ނޯޓް ފޮތުގައި އަތުލިޔުމުން ނޯޓްކުރަމުންގެންދިއުމުންނެވެ. ނުވަތަ ކަރުދާހުގައި ޕޯސްޓަރެއް ހެދިދާނެއެވެ. (ކޮންސެޕްޓް/މައިންޑް މެޕް ފަދަ ކުރެހުމެއް) ހެދުންވެސް ހިމެނެއެވެ.
– އަބަދުވެސް ކުދިންނަށް ރަނގަޅަށް ކުރެވޭ ކަންތައްތައް ފާހަގަކުރާށެވެ. އެކުދިން ކުރަމުންދާ މަސައްކަތާއި ހިތްވަރު އަދި ދަސްވަމުންދާ ފިލާވަޅު ތަކުގެ ބައިތައް ފާހަގަކޮށް،އުފާފާޅުކޮށް ތައުރީފުގެ ބަސްތައްބުނެ ކުދިންނަށް ހިތްވަރުދިނުމަކީ ކުދިންނަށް ހިތްވަރުލިބޭ ކަމެކެވެ.
– ބެލެނިވެރިން ކުދިންނަށް ރުޅިމޫނު ނުދެއްކުން:ރަނގަޅު ނޫން ކަންތައްތައް ކުދިންނަށް ކުރެވުނަސް ރުޅި މޫނު ދެއްކުމާއި، ކުދިންނާއި ދިމާލަށް ހަޅޭއްލެވުން ފަދަ ކަންކަމުން އެއްކިބާވާށެވެ. ޚާއްސަކޮށް އިމްތިހާނުތަކަށް ތައްޔާރުވަމުންދާ ކުދިންނަށް މިފަދަ ކަންތައްތައް މަންމަ ނުވަތަ ބައްޕަގެ ފަރާތުން ނުދައްކާށެވެ. ކެތްތެރިކަން އިސްކޮށް ރިވެތި ބަސްމަގު ގެންގުޅޭށެވެ. އޯގާތެރިކަން އިސްކުރާށެވެ.
– ކުދިން ދެރަވާ ޒާތުގެ އެއްވެސް ކަމެއް ނުކުރުން:އާއިލާގެ މީހުންނަށް ވެސް ނަސޭހަތްދީ، ކުދިން ކުދިންނާއި އަޅާކިޔުން ފަދަ ކަންތައްތައް ނުކުރާށެވެ.
ކޮންމެ ބެލެނިވެރިޔަކުވެސް ނިޢުމާ މިސް ފާހަގަކޮށްފައި އެވާ ކަންކަމަށް ސަމާލުވުން މުހިންމެވެ. އަދި ކިޔެވުމަށް ކުދިންގެ ޝައުޤުވެރިކަން ދެމެހެއްޓުމަށްޓަކައި މިކަންތައްތައް ކުރެވޭތޯ މަސައްކަތްކުރަންވާނެއެވެ.