ޤަތަރުގެ ބޮޑުވަޒީރު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ

ހަނގުރާމަ ހުއްޓާލުމާއި ގުޅޭ ވާހަކަތަކަށް ކޮންމެސްވަރެއްގެ ކުރިއެރުންތަކެއް އަންނަނީ ލެބެމުން: ޤަތަރު

ޣައްޒާގައި އިސްރާއީލާއި ހަމާސް އާ ދެމެދު ކުރިޔަށްގެންދާ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމާއި ގުޅޭގޮތުން ކުރެވެމުންދާ މަޝްވަރާތަކުގައި ކޮންމެސް ވަރެއްގެ ކުރިއެރުންތަކެއް ލިބެމުން އަންނަކަމަށް އެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ޤަތަރުން ބުނެފިއެވެ.

ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރުމާއި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ހަމާސް އާއި އިސްރާއީލާ ދެމެދު ވާހަކަތައް ކުރިޔަށްގެންދާތާ މަސްތަކެއް ވެފައިވާއިރު މިވާހަކަތަކުގައި ޤަތަރާއި މިސްރާއި އެމެރިކާ އަންނަނީ ބައިވެރިވަމުންނެވެ.

ސްޕެއިންގެ މެޑްރިޑްގައި އެގައުމުގެ ފޮރިން މިނިސްޓަރާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރ މުހައްމަދު ބިލް އަބްދުއްރަހުމާން ބިން ޖާސިމް އަލް ޘާނީ ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އަދި ހަމާސް އާއި އިސްރާއީލާ ދެމެދު ކުރިޔަށްދާ ވާހަކަތަކުގައި އަސީރުން ބަދަލުކުރުމާއި ހަމަލާތައް ދިނުން ހުއްޓާލުމާއި ގުޅޭގޮތުން ކާމިޔާބު ވާހަކަތަކެއް ކުރިޔަށްގެންދެވުނުކަމަށްވެސް ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވިއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމަށް 8 މަސް ދުވަސްވެފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ދެފަރާތުން އެއްބަސްވެެގެން ހަތް ދުވަހުގެ މުއްދަތަށް ވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައެވެ. އެމުއްދަތުގެ ތެރޭގައި ހަމާސްގެ އަތްދަށުގައި ތިބި 109 އަސީރުން ހަމާސް އިން މިނިވަންކުރިއެެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން އިސްރާއީލުގެ ޖަލުތަކުގެ ތެރޭގައި ތިބި ފަލަސްތީނުގެ 240 މީހުން އިސްރާއީލުން މިނިވަންކުރިއެެވެ. އޭގެފަހުން ހަމަލާތައް ދިނުން ކުރިޔަށްދާއިރު އަދި މިހާތަނަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިނުވެއެވެ.

މަޝްވަރާތައް މިހާރު ކުރިޔަށްދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މެއި މަހުގެ 31 ވަނަ ދުވަހު އެކުލަވާލެއްވި ޕްލޭނާ އެއްގޮތަށެވެ. މި ޕްލޭންގައި ހިމެނެނީ އިސްރާއީލު އަސްކަރިއްޔާ ޣައްޒާގެ މައި ސަރަހައްދުތަކުން ފޭބުމާއި ހަމަލާ ބަދަލުކުރުން ހަ ހަފްތާގެ މުއްދަތަށް މެދުކަނޑާލުމެވެ. އަދި މިމުއްދަތުގެ ތެރޭގައި މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ގެނައުމެވެ.

މި ޕްލޭނާ އެއްގޮތަށް މަޝްވަރާތައް ކުރިޔަށްދާއިރު ޤަތަރުގެ ބޮޑުވަޒީރު ވިދާޅުވީ މި ޕްލޭނަށް އެއްބަސްވުމަކާ ހަމައަށް އައުމަށް މަޝްވަރާކުރެވެމުން ދިޔަނަމަވެސް އަދި މިހާތަނަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިނުވާކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އިސްރާއީލާ ވާހަކަދައްކާ ހުރި ދެބަސްވުންތައް ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!