ފުލުހެއްގެ ގައިގައި ކާރަކުން ޖައްސާ ފިލައިގެން އުޅުނު 2 މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހަވީރު ހުޅުމާލެ 1 ގައި މާރާމާރިއެއް ހިންގައިގެން އުޅޭކަމަށް ރިޕޯޓްކުރުމުން، އެ ސަރަހައްދަށް ފުލުހުން ދިއުމުން 2 މީހަކު ކާރަކަށް އަރައި ފިލައިގެންދާން އުޅުނު ކަމަށް ފުލުހުން ބުންޏެވެ.
އެމީހުން ފިލައިގެންދާން އުޅުމުން ފުލުހުން އެ ކާރުގެ ކުރިމައްޗަށް އަރައި މަޑުކުރަން ބުނުމުން މަޑުކުރުމަށްފަހު އަރިމައްޗަށްޖެހި ފުލުސްމީހާގެ ފައިމައްޗަށް އަރައި ކާރު ދާން އުޅުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް އެ ކާރު ފަހަތަށް ޖެއްސުމަށްފަހު ފުލުސް އޮފިސަރު ތެދުވެ ކާރު ހުއްޓުވުމަށް މަސައްކަތް ކުރި ކަމަށާ ނަމަވެސް އިތުރު 2 ފުލުހުން ސައިކަލުގައި ކުރިމައްޗަށް އެރުމުންވެސް އެ ކާރު މަޑު ނުކޮށް ބާރު ސްޕީޑްގައި ދިޔައީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ދުވަހު އެކަކު ހައްޔަރުކޮށްފައި ވަނިކޮށް ދެވަނަ މީހާ ހައްޔަރު ކުރީ މިއަދު ކަމަށް ފުލުހުން ބުންޏެވެ. އަދި ފުރަތަމަ ހައްޔަރުކުރި މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.