ކަޢުބަތުﷲ ގެފުޅުގެ ތަޅުދަނޑީގެ ވެރިޔާ ޝައިޚް ސާލިޙް އަލްޝައިބާ އަވަހާރަވެއްޖެއެވެ.
ޝައިޚް ސާލިޙް އަލްޝައިބާއަކީ ކަޢުބަތުﷲ ގެފުޅުގެ އެންމެ އިސް ތަޅުދަނޑީގެ ވެރިޔާ އުޘްމާން އިބްނު ތަލްހާ (ރަޟިޔަالله ޢަންހު)ގެ ފަހުން 109 ވަނަ ތަޅުދަނޑީގެ ވެރިޔާއެވެ.
ޝައިޚް ސާލިޙް އަލްޝައިބާގެ ޖަނާޒާ އޮތީ މިއަދު ފަތިސް ނަމާދުގެ ފަހުން މަސްޖިދުލް ޙަރަމްގައެވެ. ހަށިކޮޅު ފަސްދާނުލެވިފައި ވަނީ އަލް މުއައްލާ ގަބުރުސްތާނުގައެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުން ފެށިގެން މި ވަގުތާ ހަމައައްވެސް ގެފުޅުގެ ތަޅުދަނޑި އޮންނަނީ އުސްމާން އިބްނި ޠަލްހާގެ ޢާއިލާގެ ބެލުމުގެ ދަށުގައެވެ.
ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވާފައިވާ ގޮތަށް ގެފުޅުގެ ތަޅުދަނޑި ޤިޔާމަތާ ޖެހެންދެން އޮންނާނީ އުސްމާން އިބްނި ޠަލްހާގެ ޢާއިލާގެ ބެލުމުގެ ދަށުގައެވެ. އެގޮތުން ތަޅުދަނޑިއާ ދެންވެސް ހަވާލުވާނީ އަލް ޝައިބާ ޢާއިލާގެ ބޭފުޅެކެވެ.