ގދ. ތިނަދޫ

ހުވަދޫ އަތޮޅަށް ދާން ބޮޑު ޚަރަދެއް ކުރަންޖެހޭތީ އަތޮޅަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދު: ތިނަދޫ މޭޔަރ

ހުވަދޫ އަތޮޅަށް ދާން ބޮޑު ޚަރަދެއް ކުރަންޖެހޭތީ އަތޮޅަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދު ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަޢުދު ވަނީ ފަތުރުވެރިން ހުޅުލޭ އެއަރޕޯޓަށް އައުމަށްފަހު، ހުވަދޫ އަތޮޅަށް ދާން ބޮޑު ޚަރަދެއް ކުރަންޖެހޭތީ އަތޮޅަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދު ކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް އެއަތޮޅުގައި ބައިނަލްއަޤުވާމީ އެއަރޕޯޓެއް ތަރައްޤީކުރެވުމުން ފަތުރުވެރިން ސީދާ އެއަތޮޅަށް ދެވެން ފެށުމުން އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރި ފުޅާވެގެންދާނެކަމަށްވެސް މޭޔަރ ވިދާޅުވި އެވެ.

ސަޢުދު ވިދާޅުވީ ތިނަދޫގައި އަޅާ އެއަރޕޯޓާއެކު އިޤުތިޞާދީ ގޮތުން އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި އެގޮތުން އަތޮޅުގެ ރަށްރަށުގައި ލޯކަލް ޓުވަރިޒަމް ފުޅާވެ އާމްދަނީ ހޯދޭނެ އެކި ގޮތްތައް ފަހިވާނެ ކަމަށެވެ.

އަދި ފަތުރުވެރިންނަށް އަމާޒުކޮށްގެން ތިނަދޫގައިވެސް އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދެވޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް މޭޔަރ ވިދާޅުވި އެވެ.

ތިނަދޫ ސިޓީގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް އަޅައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން ތިނަދޫ އަށް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނު ވަނީ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

advertisement
ހިޔާލު ދެއްވާ!