ގދ. ފިޔޯރީން ގެއްލުނު ނުވަ އަހަރުގެ އަންހެން ކުއްޖާ ފެނުނީ ފަޅު ގެއެއްގެ ތެރެއިން ކަމަށާއި، އެ ކުއްޖާގެ ސިއްހީ ހާލަތު ބެލުމަށް އިތުރު ޓެސްޓްތައް ހެދުމަށް ގދ. ތިނަދޫއަށް ގެންގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ފިޔޯރީ، ފިނިވިލާގެ، މަރިޔަމް މީނާލް މުހައްމަދު 9، ވީނުވީއެއް ނޭނގި ގެއްލުނީ އިއްޔެ ހަވީރު 17:30 ހާއިރެވެ.
ގދ. ފިޔޯރީ ކައުންސިލުން ބުނީ މީނާލްގެ އާއިލާ ދިރިއުޅޭ ގެ ހުންނަނީ އެ ރަށު ސަހަރާގެ އުތުރު ފަރާތުގައި ކަމަށާއި މީނާލް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ފަޅު ގެ ހުންނަނީ ސަހަރާގެ އިރުދެކުނު ފަރާތުގައި ކަމަށެވެ.
ފިޔޯރީ ކައުންސިލުން ބުނީ އެ ގެއަކީ އެރަށު މީހަކާއި އިންޑިއާ މީހަކު އިނދެގެން މީހުން ދިރިއުޅުނު ގެއެއް ކަމަށެވެ. މި ދުވަސްކޮޅު އެ ގެ ހުންނަނީ ފަޅަށް ކަމަށާއި އެގެއަކީ 6 ފޫޓް އުސްމިނުގައި ފާރު ރާނަފައި ހުންނަ ގެއެއް ކަމަށް ކައުންސިލުން ބުނެއެވެ.
މީނާލް ހޯދުމުގެ މަސައްކަތް އެންމެން ކުރަމުންދިޔައިރު އެ ފަޅު ގެ ދެތިން ފަހަރު ބެލި ކަމަށާއި އޭރު އެ ކުއްޖާ އެ ގޭތެރެއިން ނުފެންނަ ކަމަށް ކައުންސިލުން ބުނެެއެވެ.
އެ ކައުންސިލުން ބުނީ ސަހަރާއާ އިންވެގެން ކުޑަ މަގެއް އޮންނަ ކަމަށާއި އެ މަގުގައި ކުޑަ ގެއެއް ހުންނަ ކަމަށެވެ. އަދި މިނާލް ފެނުނީ އެ ގޭގައި މީހުން ތިއްބާ މިނާލް ފެނުނު ފަޅު ގެއިން އަޑުތަކެއް އިވިގެން މީހުން ގޮސް އެ ތަން އަނެއްކާ ވެސް ބެލުމުން ކަމަށެވެ.
"އެ ކުއްޖާ ފެނުނުއިރު ކޮންމެ ވެސް ވަރެއްގެ ހޭވެރިކަން ކުއްޖާގެ ހުރި، އެހެންނަމަވެސް އެ ކުއްޖާގެ ބޮލަށް ފެން އެޅުމުން އެއްކޮށް ހޭވެރިކަން އައި. ދެން އެހާ ހިސާބުން ކުއްޖާ ނަގައިގެން ފުލުހުން ގެންދިޔައީ،" ކައުންސިލުން ބުންޏެވެ.
ކުއްޖާގެ ބެލެނިވެރިން ބުނެފައިވާ ގޮތުގައި، އެ ކުއްޖާއަކީ ޕާކަށް ދިޔުމަށް އަމިއްލައަށް ބޭރަށް ދާ ކުއްޖެކެވެ. އަދި އިރުއޮއްސުމުގެ ކުރިން ގެއަށް އަންނާނެ ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ. ނަމަވެސް އިއްޔެ އިރުއޮއްސުނުއިރު ވެސް ގެއަށް ނައުމުން މީނާލް ހޯދުމުގެ މަސައްކަތް އާއިލާއިން ފެށީއެވެ.
އިރުއޮއްސުމުގެ ކުރިން ވެސް މީނާލް ހޯދުމުގެ މަސައްކަތް އާއިލާއިން ދިޔައީ ކުރަމުން ކަމަށެވެ. ރަށު އެންމެން އެކަމުގައި ބައިވެރިވީ އެ ކުއްޖާ ނުފެނި ގިނަ އިރުތަކެއް ވުމުންނެވެ. މީނާލް އެ ފަޅު ގެ ތެރެއިން ފެނުނީ ރޭ 11:00 އާއި 12:00 ދެމެދު އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.