މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މައްކާއަށް ދިޔަ ޙައްޖުވެރިންނަށް ހިތްހަމަ ނުޖެހޭ އެއްވެސް ކަމަކާ ދިމާ ނުވާކަމަށް ބައެއް ޙައްޖުވެރިން ބުނެފިއެވެ.
މައްކާގައި ޤާއިމުކޮށްފައިވާ ދިވެހި ޙައްޖު މިޝަންއަށް ބައެއް ޙައްޖުވެރިން ދީފައިވާ ބަސްދީގަތުމުގައި ބުނެފައިވަނީ ހިތްހަމަ ނުޖެހޭ އެއްވެސް ކަމަކާ ދިމާނުވާ ކަމަށާ މިހާތަނަށް އައިއިރު ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
ޙައްޖު މިޝަނުންވަނީ ބައެއް ޙައްޖުވެރިންގެ ބަސް ހިމެނޭ ވީޑިއޯ ކްލިޕްތަކެއް މީސްމީޑިއާގައި އާއްމުކޮށްފައެވެ.
ބައެއް ޙައްޖުވެރިން ބުނީ ހުރިހާ އެހީތެރިންވެސް ވަރަށް ރަނގަޅު ކަމަށާ ޚިދުމަތްތަކާއި ވަސީލަތްތައްވެސް ހަމަޖެހިފައިވާ ހުރިކަން އުފަލާއިއެކު ފާހަގަކުރާ ކަމަށެވެ. އަދި އެކަމާ ވަރަށް އުފާވާ ކަމަށްވެސް ޙައްޖުވެރިން ބުނެފައިވެއެވެ.
ބައެއް ޙައްޖުވެރިން ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމުގައި ސަރުކާރުން ލިބުނު އެހީތެރިކަން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމްގެ ނަންފުޅު ފާހަގަކޮށް އެ ދެ ބޭފުޅުންނަށް ޝުކުރުއަދާ ކޮށްފައެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގައި ޙައްޖު ކޯޕަރޭޝަންގެ އިންތިޒާމްތަކުގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެ ޙައްޖުވެރިޔަކު މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
އެކަމާއިގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އަމިއްލަ ކޮންޓްރޯލުން ބޭރުން އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ ކަމެއްގައި ކިތަންމެ ފުރިހަމަކުރަން އުޅުނަސް އުނިކަންކަން ހުންނާނެ ކަމަށާ ﷲ ގެ ރަޙުމަތުން ޙައްޖު އޮޕަރޭޝަން ކާމިޔާބުކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ. ޢަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ ނަމަވެސް މިނާގައި ފޭލިގޭގެ ތާށިކަމެއް ހުރި ކަމަށާއި އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިފަހަރުގެ ކަންކަން ދިޔަގޮތް ކުރީގެ އަހަރުތަކަށްވުރެ މާބޮޑަށްވެސް ރަނގަޅުކަމަށް، ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލެއްގެ ގޮތުގައި އެއްފަހަރަށްވުރެ ގިނަފަހަރު ޙައްޖު ދަތުރުގައި ބައިވެރިވި ބޭފުޅަކު ރިވާޔާ ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ މާދަމާކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.