އައްޑޫގައި މަސްވެރިން އިހުތިޖާޖު ކުރަނީ. ފޮޓޯ: މީސްމީޑިއާ

ޑިމާންޑްތަކަށް ޖަވާބެއް ނުލިބޭނަމަ އައްޑޫ މަސްފެކްޓަރީގެ ކޮންޓްރޯލް ނަގާނެކަމުގެ އިންޒާރު މަސްވެރިން ދީފައިވޭ: މިފްކޯ

މަސްވެރިންނާއި އޮޑިވެރިންގެ ޑިމާންޑްތަކަށް ޖަވާބެއް ނުލިބޭނަމަ މިއަދު ހަވީރު 4:00 ން ފެށިގެން އައްޑޫ މަސްފެކްޓަރީގެ ކޮންޓްރޯލް ނަގާނެކަމުގެ އިންޒާރު މަސްވެރިން ދީފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅޭގޮތުން މިިފްކޯއިން ބުނީ، މަސްވެރިންގެ މުޒާހަރާ ކުރިއަށްދާތީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށާއި އެ ފެކްޓަރީ އޮޕަރޭޝަނަށް ގެނެވޭނެ އިރެއް ނޭނގޭ ކަމަށެވެ.

މިފްކޯއިން ބުނީ، މަސްވެރިންނާއި އޮޑިވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން ޖަވާބެއް ނުދީފި ނަމަ މިއަދު ހަވީރު 4:00 ގެ ފަހުން އައްޑޫ މަސްފެކްޓަރީން މުވައްޒަފުން ނެރެ އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް އެ ސައިޓް ގެންނާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ.

އިއްޔެގެ މުޒާހަރާގައި މަސްވެރިން ވަނީ ސްޓާފް ކެންޓީން ލޮކް ކޮށްފައި ހުއްޓާ ކުޑަދޮރުން ވަދެ، އެ ތަނުގައި ހުރި ކާނާ ބޭނުން ކޮށްފައި ކަމަށާ އަދި އެކޮމޮޑޭޝަން ބްލޮކްގެ ކަރަންޓު ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން ފެކްޓަރީގެ މުވައްޒަފުން ނިދަނީ ބޭރުގައި ސަތަރި އަޅައިގެން ކަމަށާ މުވައްޒަފުންގެ ކެއިން ބުއިމާއި ފާހާނާ ކުރުން ފަދަ ޒަރޫރީ ބޭނުންތައް ވަނީ ނުފުއްދިފައި ކަމަށް މިފްކޯއިން ބުންޏެވެ.

މަސްވެރިންގެ ޑިމާންޑަކީ، އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް، ކެފެޓީރިޔާއިން ކަރަންޓު ކަނޑާލާފައި ބެހެއްޓުމާ މިހާރު ނުދެވި ހުރި ފައިސާ ވަގުތުން ދިނުމާއެކު ކުރިއަށް އޮތްތަނުގައި 15 ދުވަހުން 15 ދުވަހުން ފައިސާ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އެއްބަސްވުން ކަމަށް މިފްކޯއިން ބުނެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، މިފްކޯއަށް މަސް ކިރުވުމަށް ފަހު މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދީ އޮތެވެ.
މި ބޮޑު ބެކްލޮގަކާއެކުވެސް މި ސަރުކާރަށް މިވީ ހަތް މަހުގެ ތެރޭގައި ވަނީ 800 މިލިއަން މަސްވެރިންނަށް ދޫކޮށްފައެވެ. ޢީދުބަންދުގެ ކުރިން އެންމެ ފަހުން މަސްވެރިންނަށް ދޫކުރީ 46 މިލިއަނެވެ. ނަމަވެސް މިހާރުވެސް 50 މިލިއަން ރުފިޔާގެ ބެކްލޮގެއް އެބައޮތެވެ.

މި ސަރުކާރުން މަސްވެރިންނަށް ވީ އެންމެ ބޮޑު ވައުދަކީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިނަށް ފައިސާ ދޫކުރުމުގެ ވަޢުދެވެ.

advertisement
ހިޔާލު ދެއްވާ!