ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ޜާއްޖެ އައުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްޖު 1445- ފުރަތަމަ ގުރޫޕް އެނބުރި ރާއްޖެ އައިސްފި!

ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާ އަށް މިއަހަރު ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފިއެވެ.

ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައީ މިއަދު 13:55 ހާއިރުއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ހުރިހާ ޙައްޖުވެރިން ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ގޮސްފައިވާއިރު، މިއަދު އައިސްފައި ވަނީ 296 ހައްޖުވެރިންނެވެ.

ޙައްޖުވެރިންގެ ދެވަނަ ގްރޫޕު ރާއްޖެއައުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އަދި ބާކީ ތިބި ޙައްޖުވެރިން ޖުލައި މަހުގެ އެއް ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ޙައްޖުވެރިން ޙައްޖުން އަންނަތާ 14 ދުވަސް ތެރޭގައި ހުން އައިސް، ކެއްސާ، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެ އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 1150 ޙައްޖުވެރިން މައްކާއަށް ދިޔަ ނަމަވެސް ޙައްޖުގެ އަޅުކަން ފެށުމުގެ ކުރިން ޙައްޖާޖީއަކު ވަނީ ނިޔާވެފައެވެ. ބާކީ ތިބި 1149 ޙައްޖުވެރިން ޙައްޖުގެ ހުރިހާ އަޅުކަމެއް ފުރިހަމަކޮށްފައި ވާކަމަށް ދިވެހި ޙައްޖު މިޝަނުން ވަނީ ބުނެފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވެލެއްވި މިފަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގެންނެވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

advertisement
ހިޔާލު ދެއްވާ!