ކަސްރަތު ކުރާތަންތަން އިތުރު ކުރުމުން ބަލިތައް މަދު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ސަލާހުއްދީން ޕާކިން ސަރަޙައްދުގައި ޖިމް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
މިޖިމް ހުޅުވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސިޓީ ކައުންސިލް ގުޅިގެންނެވެ.
ވަޒީރު ވިދާޅުވީ ކަސްރަތު ކުރާ ތަންތަން އިތުރުކުރުމަކީ ހެލިފެލިވެ އުޅުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ.
އަދި ޞިއްޙީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ކުރެވޭ ވަރަށް މުހިންމު ހޭދައެއް ކަމަށެވެ.
ހަކުރު ބައްޔާ ލޭމައްޗަށް ދިއުމާ ކޮލެސްޓްރޯލްފަދަ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އިތުރުވާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކަސްރަތަކީ މިފަދަ ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮ، ހަށިހެޔޮ މީހަކަށް ވުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
ވަޒީރު ވިދާޅުވީ މިފަދަ ހަރަކާތްތަކުގައި ގިނަ މީހުން ޝާމިލުވުން އިތުރު ކުރުމަކީ މުޖުތަމަޢުގެ ގުޅުން ބަދަހިވެ، ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ މީހަކަށް ވުމަށް އެހީވެދޭ ކަމެއް ކަމަށެވެ.