ސިޓީތަކާއި ކައުންސިލްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު

ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ނެތުމުން ޚިދުމަތްތައް ދިނުމުގައިހުރި ގޮންޖެހުންތަކުގެ ޝަކުވާ އަބަދުވެސް ލިބޭ: ވަޒީރު

ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ވަރަށް ގިނަ ޚިދުމަތްތައް ދިނުމަށް ގޮންޖެހުންތައް ހުރިކަމުގެ ޝަކުވާ އަބަދުވެސް ލިބެމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކަށް ކުނި މެނޭޖުކުރާ ވެހިކަލް ހަދިޔާކުރުމުގެ މަސައްކަތުގެ ދަށުން، މާލެ ސިޓީ ކައުންސިލަށް ވެހިކަލް ހަވާލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެކަން ޙައްލުކުރުމަށް އެވުޒާރާ އާއި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމަށެވެ.

އެގޮތުން ކުނި މެނޭޖުކުރުމާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ އުޅަނދުތައް ކައުންސިލްތަކަށް ހަވާލުކުރުމުގެ މަސައްކަތުގެ ދަށުން ހުރިހާ ސިޓީތަކަށް ވެހިކަލް ހޯދުމުގެ މަސައްކަތްވެސް ފަށާފަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ކައުންސިލްތަކަށް ދޭންޖެހޭ އެއްވެސް ބާރެއް ހިފެހެއްޓުމުގެ ވިސްނުން މި ސަރުކާރުން ނުގެންގުޅުއްވާކަން ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންނަށް ދެވޭނެ ހުރިހާ ޚިދުމަތްތަކެއް ދިނުމުގެ ބާރު ކައުންސިލްތަކަށް ދެމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބޭނުމަކީ ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި ކައުންސިލްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ރައްޔިތުންނަށް ޚިދުމަތް ދިނުމާއެކު އަމިއްލައަށް އާމްދަނީ ހޯދޭނެ ބާރުވެރި ކައުންސިލްތަކެއްގެ ގޮތުގައި ހެދުން ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!