އާސަންދަ އަކީ ދިވެހި ރައްޔިތުންގެ މާލިއްޔާއިން ބޮޑު ހޭދައެއްކޮށް ދިވެހި ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ދޭން ހަދާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ކުރާ މަސައްކަތަކީ ރާއްޖެއިން ފަރުވާ ނުލިބޭ ބަލިތަކަށް، ތަނަވަސްކަން ނެތް ރައްޔިތުންނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އާސަންދަ ކުންފުނިން މި އެހީތެރިކަން ދޭން ފެންނަކަމަށް ކަނޑައެޅުމަށް ޑޮކްޓަރުންގެ ޓީމެއް އެކުލަވާލާފައި އޮވެއެވެ. މި ޓީމުގެ މަސައްކަތަކީ އާސަންދަ އަށް އެދޭ މީހާއަކީ ހަމަ ހަގީގަތުގައި ވެސް އާސަންދަ ދޭން ޖެހޭ ފަދަ ހާލަތެއްގައި ހުރި މީހެއްތޯ އާއި އެކަމަކީ ރާއްޖެއިން ބޭރުން އެކަނި ކުރެވޭ ފަރުވާއެއްތޯ ކަނޑައެޅުމެވެ.
މި މަރުހަލާގައި ބައެއް ފަހަރު ދިމާވާ ކަމަށް އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުތަކަށް ބުރަވެ ދަންނަވާނަމަ އެޓީމުގައި ހިމެނޭ ޑޮކްޓަރަކާ ގުޅުން އޮންނަ މީހެއް ނަމަ އެބައްޔަކީ ރާއްޖެއިން ފަރުވާ ދެވޭ އާދައިގެ ބައްޔެ ނަމަވެސް ރާއްޖެއިން ބޭރުން ފަރުވާ ހޯދަން އާސަންދަ ހަމަ ޖެހެއެވެ.
އަދި އާސަންދަ ދޭން ފެންނަ ކަމަށް ޑޮކްޓަރުން ލަފާ ދީގެން އާސަންދަ އަށް ހުށަހަޅާ ފަރާތްތަކަށް އާސަންދަ ދޭން ނުފެންނަ ކަމަށް މި ދެންނެވި އާސަންދަ ދޭން ތިބޭ ޑޮކްޓަރުންގެ ޓީމުން އެބަ ނިންމައެވެ.
މީގެ ސަަބަބުން މާލީ ތަނަވަސްކަން ނެތް ބައެއް ބަލި މީހުންނަށް ރާއްޖެއިން ލިބޭ ފަރުވާއިން ބަލި ރަނގަޅުނުވެ، ރާއްޖެއިން ބޭރަށް ނުދެވި ފަރުވާ ލަސްވެ މަރާ ހަނގުރާމަ ކުރަން ޖެހެއެވެ.
ދާދި ފަހުން މިފަދަ ގިނަ ހާދިސާތަކެއް ވަނީ ފާހަގަ ކުރެވިފައެވެ. އޭގެ ތެރެއިން ހާދިސާއެއްގެ ވާހަކަ މި ލިޔުމުގައި ހިމަނާލާނަމަވެ.
ރައްޓެއްސަކު ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅު ގައިގައި ނެގި ދޮސް ބިއްސެއްގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުން ކުޑަ ސާޖަރީއެއް ހަދަން އައިޖީއެމްއެޗްގެ ޑޮކްޓަރަކު ލަފާ ދެއްވި ކަމަށެވެ. އެހެންވެ އެސާޖަރީ ހެދި ކަމަށެވެ. ސާޖަރީ ހެދިފަހުން އެކުއްޖާގެ ހާލު މާބޮޑުވެ އޭޑީކޭއަށް ބަދަލުކޮށް އެތަނުން އަނެއްކާ ވެސް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.
އެ އޮޕަރޭޝަނަށް ފަހު ކުއްޖާގެ ހާލު ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ޑޮކްޓަރުންނަށް މިވަނީ ކީއްކަން ސީދާ އެނގޭ ގޮތެއް ނުވިއެވެ. އެހެންވެ، ޑޮކްޓަރުން ނިންމީ އެކުއްޖާ ރާއްޖެއިން ބޭރަށް ފޮނުވުމަށް އާސަންދަ ދޭން ފެންނަ ކަމަށް ނިންމައި އެލިޔުން ދިނުމަށެވެ. ނަމަވެސް އާސަންދަ އޮފީހުގެ ޑޮކްޓަރުންގެ ޓީމުން ނިންމީ އެ ކޭސް އަކީ އާސަންދަ ދޭން ނުޖެހޭ ކޭސްއެއްގެ ގޮތުގައެވެ.
ކޮންމެ އަކަސް އެކުއްޖާގެ ހާލު ގޯސްވާތީ އާއިލާއިން ނިންމީ އެކި މީހުންގެ އެހީތެރިކަމާއެކު ރާއްޖެއިން ބޭރަށް ގޮސް ފަރުވާލިބޭނެ ގޮތެ ހޯދުމެވެ. އެގޮތުން އަތުގައި ސޭވްކޮށްފައި ހުރި ހުރިހާ ފައިސާއަކާއި އާއިލާ މީހުންނާއި ރައްޓެހިންގެ އެހީގައި ދެހާސް ވަރަކަށް ޑޮލަރު ހަމަކޮށްގެން އަވައްޓެރި ގައުމަކަށް ކުއްޖާ ގޮވައިގެން ދިޔައެވެ. އެ ތަނުގެ ޑޮކްޓަރުން ވިދާޅުވީ އަނެއްކާ ވެސް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ގެންދިޔަ ފައިސާއިން އެކަން ކުރެވެން ނެތުމުން އަނެއްކާވެސް އާސަންދަ އަށް އެދި ލުމަށް އެޑޮކްޓަރުންވެސް ލިޔުމެއް ދެއްވިއެވެ.
އެވަރުންވެސް އާސަންދަ ދިނުމަށް މި ދެންނެވި ޑޮކްޓަރުންގެ ޓީމުން ދެކޮޅުހެދިއެވެ. އަދި ފަހުން އާސަންދައިން އަންގައިފައިވަނީ އެމީހުން ތިބި ހޮސްޕިޓަލަކީ އާސަންދަ ދޭ ހޮސްޕިޓަލެއް ނޫން ކަމަށާއި އެހެން ހޮސްޕިޓަލަށް ބަދަލުވުމަށެވެ. އެންމެ ފަހުން ގެންދިޔަ ފައިސާކޮޅު ހުސްވެ އެ އޮޕަރޭޝަން ނުކޮށް އެމީހުންނަށް ޖެހުނީ ރާއްޖެ އަންނާށެވެ.
އާސަންދައިން މިހެން ބުނި ނަމަވެސް "ހަމަ އެހޮސްޕިޓަލު"ގައި ރާއްޖެ މީހަކު އާސަންދައިގެ އެހީގައި ހަމުގެ މައްސަލައެއްގައި ޓެސްޓެއް ހަދަން ގޮސްއުޅުނެވެ. އެހާ ކުޑަ ކަމެއްގައި ދަތުރުގެ ހުރިހާ ޚަރަދެއް އާސަންދަ މެދުވެރިކޮށް ހަމަޖެއްސީ ކިހިނެއްތޯ އެހުމުން އެމީހުން ބުނެފައިވަނީ އާސަންދަ ދޭ ޑޮކްޓަރުންގެ ޓީމުގެ ޑޮކްޓަރަކު އެމީހުންނަށް އެކަން ހަމަޖައްސައި ދިނީ ކަމަށެވެ.
އެ ޓެސްޓަކީ ރާއްޖެއިން ވެސް ހެދޭ ޓެސްޓެއް ކަމަށް ވެސް އެމީހާ މައުލޫމާތު ދިނެވެ. އަދި މި ދެންނެވި އާސަންދަ ލިބުނު ފަރާތަކީ އެޓެސްޓް ހަދާލާނެހާ ތަނަވަސްކަން ނެތް ފާރާތެއް ވެސް ނޫން ކަމަށް ކަމަށް މައުލޫމާތުލިބިފައިވެއެވެ.
އެހެން ކަމުން މިއީ ލިބިފައި އޮންނަ ބާރެއް ތިމާ ބޭނުންވީމާ ބޭނުވާ މީހަކަށް ދިނުމެވެ. މިއީ ބޮޑު "ކޮރަޕްޝަން"ގެ ޢަމަލެކެވެ. މިކަންކަން ހުއްޓުވެން އެބަ ޖެހެއެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިއީކީ މިހާރު އަލަށް ހިނގާ ކަމެއްނޫނެވެ. ފެށުނީއްސުރެ މިކަން މިހެންދާކަން ފާހަގަ ކުރެވެއެވެ.