ޢީދު މިސްކިތް. ފޮޓޯ: މާލޭސިޓީ ކައުންސިލް

ޢީދު މިސްކިތުން ވައްކަންކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި!

މާލޭގައި ހުންނަ ޢީދު މިސްކިތުން ވައްކަން ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް  ޖަހާފައިވާކަމަށް  ފުލުހުން ބުނެފިއެވެ.

ޢީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާ އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އެކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ޢީދު މިސްކިތުގައި ހަރުކޮށްފައިހުރި ފަންކާތަކެއް އެންމެފަހުން ވަގަށް ނަގާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ. މި ޖޫންމަހު އެކި ދުވަސްތަކުގެ މަތިން އެމިސްކިތުން އެކަނިވެސް 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލޭސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މިއަހަރުގެ 6 މަސްތެރޭގައި މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. މީގެތެރެއިން ގެއްލިފައިވާ 6 ފަންކާއާއި 2 ފޯނާއި ފެން މޯޓަރެއް ހޯދާފައިވާކަން ފުލުހުންވަނީ ކުރިން ފާހަގަކުރައްވާފައެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބަލަހައްޓަނީ މާލޭސިޓީ ކައުންސިލުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން ދާދިފަހުން އެ ކައުންސިލުން ވަނީ މާލޭގެ މިސްކިތްތައް ބެލެހެއްޓުމުގެ ހުރިހާ ކަމަކަށް ދިވެހި މުވައްޒަފުން ހަމަޖައްސާފައިކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!