އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވިނަމަވެސް ހަނގުރާމަ ކުރިޔަށްދާނެ: ނަތަންޔާހޫ

ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ އަސީރުން ނޫނަސް ބައެއް އަސީރުން މިނިވަންވާނެ ފަދަ އެއްބަސްވުމަކާ ހަމައަށް އައުމަށް ތައްޔާރަށް ހުރި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަމަވެސް އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމު ހުއްޓާލުމަށް އެއްބަސްނުވާނެކަމަށް ނަތަންޔާހޫ ބުނެއެވެ. ނަތަންޔާހޫ މިހެން ބުނެފައިވާއިރު މިއީ ނަތަންޔާހޫ އަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން މިކަމާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކާއި މުޅިން އިދިކޮޅު ވާހަކަތަކެކެވެ. އެމެރިކާއިން ބުނަމުން އަންނަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިހާރު ހުށަހަޅާފައިވާ އެއްބަސްވުމުގެ ދަށުން ހަނގުރާމަ ނިމުމަކަށް އަންނާނެކަމަށެވެ.

ނަތަންޔާހޫ އިސްރާއީލުގެ ޗެނަލް 14ށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ މަގްސަދަކީ ހުރިހާ އަސީރުން މިނިވަންކުރުމާއެކު ޣައްޒާގައި އުފެދިފައިވާ ހަމާސްގެ ސަރުކާރު އެއްކޮށް ނިމުމަކަށް ގެނައުންކަމަށެވެ.

އަނެއްކޮޅުން އިސްރާއީލުގެ އެތައް ހާސް ރައްޔިތުންނެއް އަންނަނީ ނަތަންޔާހޫ އިސްތިއުފާ ދިނުމާއެކު ވީ އެންމެ އަވަހަކަށް އިންތިޚާބު ބޭއްވުމަށް ގޮވާލާ ދިގުދެމިގެންދާ ގޮތަށް މުޒާހަރާކުރަމުންނެވެ.

މީގެއިތުރުން ނަތަންޔާހޫ ޗެނަލް 14ށް އިންޓަރވިއު ދެމުން ބުނީ ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހްގައި އިސްރާއީލު އަސްކަރިއްޔާއިން ހިންގަމުން އަންނަ އޮޕަރޭޝަން ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާކަމަށެވެ. ހަމާސް އާ ދެކޮޅަށް އިސްރާއީލު އަސްކަރިއްޔާއިން ކުރަމުންދާ ހަނގުރާމައިގެ އެންމެ މުހިންމު އެންމެ ވަރުގަދަ ފޭސް މިހާރު ނިމުމަކަށް އަންނަނީ ކަމަށް ނަތަންޔާހޫ ބުންޏެވެ. ނަމަވެސް އޭގެ މާނައަކީ ހަނގުރާމަ ނިމުން ނޫންކަމަށްެވެސް އޭނާ ބުންޏެވެ.

ނަތަންޔާހޫގެ މިވާހަކަތަކާއި ގުޅިގެން ހަމާސް އިން ބުނީ ނަތަންޔާހޫގެ ވާހަކަތަކުން އެނގިގެންދަނީ އިސްރާއީލު ހަނގުރާމަ ހުއްޓާލަން ބޭނުންނުވާކަން ކަމަށެވެ. އެހެންނަމަވެސް ހަނގުރާމަ އިތުރަަށް ކުރިޔަށް ގެންދިޔުމަށް ވަގުތީ ހޯދަނީ ކަމަށް ހަމާސް އިން ބުނެއެވެ. އަދި މުޅި ދުނިޔެއަށްވެސް މިހާރު ޣައްޒާގައި ހިނގަމުންދާ ގަތުލު އާންމު ހުއްޓުމަކަށް ނައިސްގެން އުޅެނީ ހަމާސް އިން އެކަމަށް ހުރަސްއަޅާތީ ނޫންކަން އެނގޭނެކަމަށް ހަމާސް އިން ބުނެއެވެ.

އަދި އެމެރިކާއިން އެއްވެސް ހިފެހެއްޓުމެއްނެތި އިސްރާއީލަށް ދެމުންދާ އެއްބާރުލުން ހުއްޓާލަންޖެހޭކަމަށްވެސް ހަމާސް އިން ބުނެއެވެ.

 

advertisement
ހިޔާލު ދެއްވާ!