ބަކާ ނިޔާވުމާގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ!

ކުޅިވަރުގެ ދާއިރާއަށް އަދި ވަކިން ޚާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްކޮށްދެއްވައި ޤައުމަށް ފަޚުރުވެރި ނަން ހޯދައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފު ނިޔާވުމާއި ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މީސްމީޑިޔާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި މުޙައްމަދު ޢާރިފް ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވައި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުޢާ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ މީސް މީޑިޔާ މެދުވެރިކުރައްވައި މަރްޙޫމް މުހައްމަދު ޢާރިފްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ބަކާ ނިިޔާވީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ބަލީގައެވެ. ބަކާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރެވެ. ބަކާ އެ ހޮސަޕިޓަލްގައި އެނދުމަތި ކުރީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުން ވަރަށް ގަދަ ހުން އައިސް ވަރު ދެރަވެ، ޙާލު ދެރަވެގެންނެވެ.

ބަކާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ ފަތިސް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ބަކާގެ ހަށިގަނޑު ވަޅުލުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ސަހަރާގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!